Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

ރެކޯޑް ފީއަކަށް އެލިސަން ލިވަޕޫލަށް

އިޓަލީގެ ރޯމާ އަށް ކުޅުނު ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ.

އިޓަލިއަން ސެރިއޭގައި ކުޅެމުން އަންނަ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ގެނައުމަށް ލިވަޕޫލުން ވަނީ ދުނިޔޭގެ ރެކޯޑް އަގެއްކަމަށްވާ 75 މިލިއަން ޔޫރޯގެ ފީ އަކަށް ރޯމާއާއި އެކު އެއްބަސްވެފައެވެ.

މީގެ ކުރިން ފުޓްބޯޅަ ތާރީޚުގައި އެންމެ ބޮޑު އަގަކަށް ކްލަބް ބަދަލުކުރީ 2001 ވަނަ އަހަރުގައި އިޓަލީގެ ޕާމާ އަށް ކުޅެމުން އައި ގޯލްކީޕަރު ޖިއަން ލުއިޖީ ބުފޮން އެވެ. އެފަހަރު އޭނާ ގެންދިއުމަށް ޔުވެންޓަސް އިން ވަނީ 53 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް ޕާމާ އަށް ދައްކައިފައެވެ.

އޭގެފަހުުން 2017 ވަނަ އަހަރު އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީ އަށް އޭރު ބެންފީކާ އަށް ކުޅެމުން އައި ބްރެޒިލްގެ ގޯލްކީޕަރު އެޑަސަން މޮރެއަސް ބަދަލުވީ ޕްރިމިއާ ލީގުގެ ރެކޯޑް ފީއެއްކަމަށްވާ 40 މިލިއަން ޔޫރޯ އަށެވެ.

މީގެއިތުރުން މިދިޔަ ޖަނަވަރީ މަހު ލިވަޕޫލުން ވަނީ ހޮލެންޑްގެ ސެންޓަބެކް ވާޖިލް ވެން ޑައިކް ގަތުމަށް 79 މިލިއަން ޔޫރޯގެ ފީއަކަށް ސައުތުހެމްޕްޓަނާއިއެކު އެއްބަސްވެފައެވެ. މިއީ ޑިފެންޑަރެއް ގަތުމަށް މިހާތަނަށް ކުލަބަކުން ހޭދަކޮށްފައިވާ އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ.

އެލިސަން ގެނައުމަށް ލިވަޕޫލުން ނިންމީ މިދިޔަ ސީޒަނުގައި އެޓީމުގެ ގޯލު ބެލެހެއްޓި ދެ ކީޕަރުންކަމަށްވާ ބެލްޖިއަމްގެ ސައިމަން މިނޮލޭ އާއި ޖަރުމަނުގެ ލޮރިސް ކާރިއަސް އަށް މުޙިއްމު ބައެއް މެޗުތަކުގައި ގޯސްތަކެއް ހެދިފައިވާތީވެއެވެ.

ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސް (ވ) އަށް ހެދުނު ގޯހަކުން ރެއާލްގެ ބެންޒީމާ (ކ) އަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލަނީ.

އުމުރުން 25 އަހަރުގެ އެލިސަން ބެކާ، ރޯމާ އަށް ބަދަލުވީ 2016 ވަނަ އަހަރުގައި ބްރެޒިލްގެ އިންޓަނެސިއޮނާލް އިން 7.5 މިލިއަން ޔޫރޯގެ ފީ އަކަށެވެ.

ރޯމާއަށް ބަދަލުވި ފުރަތަމަ ސީޒަނުގައި އޭނާ ގިނަވަގުތު ހޭދަކުރީ ބެންޗުގައެވެ. އެގޮތުން، ޔޫރޮޕާ ލީގު އަދި ކޮޕާ އިޓަލިއާގައި އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނުނަމަވެސް ލީގުގެ އެންމެ މެޗެއްގައިވެސް ކުޅުމުގެ ފުރުޞަތުލިބިފައެއްނުވެއެވެ. އޭގެފަހުން ނިމިދިޔަ ސީޒަނުގައި ލީގުގައި އެޓީމު ކުޅުނު 37 މެޗުގެތެރެއިން 17 މެޗުގައި ބައިކޮޅަށް ލަނޑެއްވަނަނުދީ ހިފަހައްޓާފައިވެއެވެ.

ބްރެޒިލްގެ އެއްވަނަ ގޯލްކީޕަރުގެ މަޤާމު ފުރަމުން އަންނަ އެލިސަން ވަނީ ނިމިދިޔަ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ބްރެޒިލް ދަތުރުކުރިއިރު އެޓީމު ކުޅުނު ފަސްމެޗުގެތެރެއިން ތިން މެޗުގައި ބައިކޮޅަށް ލަނޑެއްވަނަނުދީ ހިފަހައްޓާފައެވެ.

މީގެއިތުރުން އޭނާ ވަނީ މިދިޔައަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް އިޓަލީގެ ރޯމާ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އެމުބާރާތުގެ ކުއާޓާ ފައިނަލްގައި ވަރުގަދަ ބާސެލޯނާ އަތުން ރޯމާ މޮޅުކޮށްދިނުމުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ.

ލިވަޕޫލުން ވަނީ އާ ސީޒަނަށް ތައްޔާރުވުމުގެގޮތުން ޖަރުމަނުގެ ރެޑްބުލް ލިޕްޒީގުގެ ނަބީ ކެއިޓާ އާއި މޮނާކޯގެ ފަބީނިއޯ އަދި ސްޓޯކް ސިޓީ އަށް ކުޅުނު ޒެރްޑަން ޝަކީރީ ގެނެސްފައެވެ.