Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ޔާމީނާ ޑީލު ހަދައި މިނިވަން ވުމަށްވުރެ ޖަލު ގޮޅިވެސް މާ ރަނގަޅު: އިމްރާން

ރައީސް އަބްދުﷲ ޔާމީނާ ޑީލެއް ހަދައިގެން މިނިވަން ވުމަށް ވުރެ ޖަލުގެ ކުޑަ ގޮޅިވެސް މާ ރަނގަޅު ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އިބްދުﷲ ވިދާޅުވެފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޓުވީޓެއް ކުރައްވައިފިއެވެ.

މަހޭ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ފަރާތުން އިމްރާނާ ސިއްރު ބައްދަލުވުމަކަށް މަންދޫބަކު ފޮނުވައިފި ކަމަށެވެ. އަދި އެއީ އިމްރާން އެ މަންދޫބަށް ދެއްވި ޖަވާބު ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ޝެއިޚް އިމްރާންގެ އާއިލާއިން ވެސް ވަނީ އެމަނިކުފާނު ކުރައްވާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުނެ މެސެޖެއް ފޮނުވާފައެވެ. އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމާގެ ފޭސްބުކް މެދުވެރިކޮށް އިމްރާންގެ ދެ އަންހެން ދަރިކަނބަލުން ފޮނުވި މެސެޖުގައި ބުނެފައިވަނީ ބައްޕާފުޅު ކުރައްވާ މަސައްކަތަކީ ދިވެހި ގައުމު ދެކެ ވާ ލޯބިން ކުރައްވާ މަސައްކަތެއް ކަމަށެވެ.

އަދި އެމަސައްކަތް ހުއްޓާލުމަށް މިނިވަން ވާން ބައްޕާފުޅު ބޭނުން ނުވާ ކަމަށް އިމްރާންގެ ދަރިކަނބަލުން ބުނެފައިވެއެވެ. ޝެއިޚް އިމްރާން ޖަލަށް ލާފައިވަނީ 2015 މޭ އެއްވަނަ ދުވަހު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

އިމްރާނާ އެކި ފަހަރު މަތިން ސަރުކާރުން ޑީލު ހަދަން މަސައްކަތް ކޮށްފައިވާ ކަމަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ ޚަބަރު ފެތުރިފައެވެ.