Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އުރީދޫން ރާއްޖެއަށް ތިން ސީ އެމްބިއުލާންސް ހަދިޔާކޮށްފި

މުވާސަލާތީ ހިދްމަތްދޭ ކުންފުނި އުރީދޫން ތިން ސީ އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އިއްޒައްދީން ފާލަން ކައިރީ މިއަދި ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްބިއުލެންސް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ އުރީދޫ ގްރޫޕްގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ތާނީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާނެވެ. ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ވިދާޅުވީ މި ހަދިޔާ ކުރި އެމްބިއުލެންސްގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުން ލިބިގެންދާނެކަމަށެވެ. އަދި ކުރިމަގުގައިވެސް ރާއްޖެއަށް ތަފާތު އެހީތައް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އަބްދުﷲ ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އުރީދޫން ހަދިޔާ ކުރެއްވި 3 ސީއެމްބިއުލެންސަކީ ވަރަށް ބޮޑު އެހީއެއްް ކަމަށާއި މި ލިބުނު އެމްބިއުލެންސްތަކާއި އެކު މުޅިރާއްޖޭގައި ތިބި ސީއެމްބިއުލެންސްގެ އަދަދު 29 އަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

އުރީދޫން ހަދިޔާކުރި އެމްބިއުލާންސްގައި ބަލި މީހުންނަށް ހާއްސަ ދެ އެނދާއި އިތުރު 12 މީހުންގެ ޖާގަ ހުރެއެވެ. 40 ފޫޓު ދިގު މިއުޅަނދުގައި އޮކްސިޖަނާއި އެކު ކުއްލި ހާލަތުގައި ބޭނުންކުރާނެ ސާމާން ވަނީ ހިމަނާފައެވެ.