Last Updated: May 20, 22:14
Tuesday, May 21, 2024
ޚަބަރު

ރާއްޖޭން ބޭރުގައި ވޯޓްލާން ރަޖިސްޓްރީ ކުރަން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން - ފޮޓޯ: ރާއްޖެއެމްވީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިއްޔެއިން ފެށިގެން 11 އޯގަސްޓު 2018 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމް" ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހޮނިހިރު އަދި އާދިއްތަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ތިރީގައިވާ ގަޑިތަކުގައި ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

– އިންޑިޔާ: ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުން- އިންޑިޔާ ގަޑިން ހެނދުނު 10:00 އިން ހަވީރު 03:00 އަށް
– ސްރީލަންކާ: ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން- ސްރީލަންކާ ގަޑިން ހެނދުނު 9:30 އިން ހަވީރު 03:30 އަށް
– މެލޭޝިއާ: ކުއަލަލަމްޕޫރްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން- މެލޭޝިއާ ގަޑިން ހެނދުނު 09:30 އިން ހަވީރު 03:00 އަށް
– އިންގިރޭސިވިލާތް: ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން- އިންގިރޭސިވިލާތު ގަޑިން ހެނދުނު 10:00 އިން ހަވީރު 04:30 އަށް

"ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" މި ފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

އީސީ އިން ބުނިގޮތުގައި ފޯމު ހުށަހަޅާއިރު ފޯމާއެކު ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެއެވެ. އަދި އެހެން މީހެއްގެ ފޯމު ހުށަހަޅަން ދާ ނަމަ، ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަން ޖެހޭނެއެވެ.

ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް ރިޔާސީ އިންތިޚާބު 2018 ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.