ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅިޔަސް އެމަނިކުފާނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ކެލާގެ ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އީޔޫ އިން ފިޔަވަޅު އަޅާ ނަމަ، އެންމެ ބޮޑަށް ގެއްލުން ލިބޭނީ ރާއްޖޭގެ ވިޔަފާރިވެރިންނަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހެން ވެއްޖެ ނަމަ ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭނެ ގޮތެއް ވިޔަފާރިވެރިންނަކަށް ނޯންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އީޔޫ އިން ހަމަ ޔަޤީނުންވެސް އެމަނިކުފާނު ހައްޔަރު ކުރަން ނާންނާނެ ކަމަށާއި އެހެންކަމުން އެމަނިކުފާނަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ވިޔަފާރިވެރިންނަށް ތަންތަނަށް ނުދެވޭ ގޮތްވުމާއި ބޭރު ޤައުމްތަކުގެ ރައްޔިތުންނަށް ރާއްޖެ އަށް ޒިޔާރަތް ނުކުރެވޭ ގޮތަށާއި ފަތުރުވެރިކަން ނުހިންގޭ ގޮތަށް ކަންކަން ކޮށްފިނަމަ، އޭގެ ގެއްލުން ލިބޭނީ ޤައުމު ހިންގަން ދެން ތިބޭ ބަޔަކަށް ކަމަށާއި އެއީ އެމަނިކުފާނަށް ލިބޭ ގެއްލުމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަކީ ތިން ހަތަރު ސިޔާސީ ލީޑަރުން ވަށައިގެން "ކަސްތޮޅު" އެޅިގެން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށައި ސިޔާސީ ލީޑަރުން ވާން ޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ޤާބިލް ބޭފުޅުންތަކަކަށް ކަމަށެވެ.
އީޔޫ އިން ފިޔަވަޅު އަޅައިގެން އެމަނިކުފާނަށް ގެއްލުމެއް ނުވާނެ ކަމަށް ރައީސް ވިދާޅުވީ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވާނަމަ ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށާއި ދިވެހި ދައުލަތުގެ ބައެއް އިސް ބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާ އެކަމުގައި އަމަލުކުރާނެ ގޮތުގެ އޮނިގަނޑެއް ފާސްކޮށްފައި ވަނިކޮށެވެ.