މަސްތުވާތަކެތީގެ މައްސަލަތަކުގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލާފައި ތިބޭ މީހުންގެ ހުކުމްގެ ދެބައިކުޅަށް އެއްބައި ތަންފީޒުކޮށް ނުނިމުނަސް ރައީސުލްޖުމްހޫރިއްޔާއަށް އެފަދަ މީހުންގެ އަދަބު ލުއިކޮށްދެވޭ ގޮތަށް ޤަވާއިދު އިސްލާހުކޮށްފި އެވެ.
މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ޤަނޫނު ކުރިން އޮންނަ ގޮތުން ބޮޑެތި ކުށްތަކާއި 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ކޮށްފައިވާ މީހުންގެ އަދަބު ރައީސުލްޖުމްހޫރިއްޔާއަށް ލުއިކޮށްދެވޭނީ ހުކުމުގެ ދެ ބައިކުޅަ އެއްބައި ތަންފީޒު ކުރުމުން ކަމަށެވެ.
ނަމަވެސް މިއަދު މިގަވައިދު އިސްލާހު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވާ މީހުން އެމީހުންނަށް އިއްވާފައިވާ ހުކުމުގެ ދެ ބައިކުޅަ އެއްބައި ތަންފީޒު ނުކުރިނަމަވެސް ރައީސް ބޭނުންފުޅުވެއްޖެނަމަ ނުވަތަ ކުށްވެރިޔާ މައާފު ދިނުމަށް ރައީސް އަށް ދަންނަވައިފިނަމަ މައާފުކޮށްދެވޭ ގޮތަށެވެ.
އެހެންނަމަވެސް މިއަދު އެ ޤަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވާ މީހުން ހުކުމުގެ ހަތަރު ބައި ކުޅަ އެއްބައި ތަންފީޒު ކުރުމުން ޖިނާއީ އެެހެން އާންމު ކުށްތައް ފަދައިން އެ މީހުންގެ އަދަބު ވެސް ރައީސް އަށް ލުއިކޮށްދެވިދާނެ ކަމަށެވެ.
މިޤަވައިދުގައިވާ ގޮތުން ކުށްވެރިޔާ އެދިގެން ރައީސް އަށް އަދަބު ލުއިކޮށް ދެވޭނީ އިސްތިއުނާފްގެ މަރުހަލާތައް ނިމިފައިވާ ނަމަ އަދި ހުކުމުގެ ތިން ބައި ކުޅަ އެއް ބައި ތަންފީޒުކޮށް ނިމުމުން ކްލެމެންސީ ބޯޑުގެ ލަފާގެ މަތިންނެވެ.
އެކަމަކު މީގެ ތެރޭގައި 14 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ގެންގުޅެގެން އުމުރަށް ޖަލަށްލާފައި ތިބި މީހުން ނުހިމެނޭނެ އެވެ. އެ ގަވާއިދު އޮތްގޮތުން 14 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ގެންގުޅެގެން އުމުރަށް ޖަލަށްލާފައި ތިބި މީހުންގެ އަދަބު ރައީސްގެ އިސް ނެންގެވުމުގައި ލުއިކޮށް ދެވޭނީ ކުރިން ވެސް އޮތްގޮތަށް ހުކުމުގެ ދެ ބައި ކުޅަ އެއް ބައި ތަންފީޒު ކުރުމުންނެވެ.