Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ސިޔާސީ ލީޑަރުން މިނިވަންކޮށް ނުދެވޭނެ: ޔާމީން

ހއ. ބާރަށުގައި ހެދި މެރީނާ ޖެޓީ ރައީސް ޔާމީން އިފްތިތާޙްކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

ޖަލުގައި ހުކުމް ތަންފީޛް ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރުން މިނިވަންކޮށް ނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ބާރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށް ފަހު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާ ކުރެއްވުމަށް ބޭނުންފުޅުވެގެން، އެޕާޓީތަކަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގެ ޖަވާބު މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ޖަވާނުގައި އިދިކޮޅު ޕާޓީތަކުން ބުނީ މަޝްވަރާއަށް މޭޒު ކައިރިއަށް ދެވެން އޮތީ ރައީސް ނަޝީދާއި ރައީސް މައުމޫން އަދި ގާސިމާއި އިމްރާން މިނިވަންކުރުމުން ކަމަށް ކަމަށެވެ.

އެހެންނަމަވެސް، ރައްޔިތުންގެ ސަލާމަތަށް ބަލާފައި އެއީ، ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ޝަރުތުތައް ފުރިހަމަކުރުމުން ދެން ދައްކާނެ ވާހަކައެއް އެބައޮތް؟ ދެން ދައްކާނެ ވާހަކައެއް ނެތް. ވާހަކަ ނެތް ސަބަބަކީ ދެން ދައްކަން ހުރީ ތަރައްގީގެ ވާހަކަ. އެ ބޭފުޅުންނަށް މިއަދާ ހަމަޔަށް އައިއިރު ތަރައްގީގެ ވާހަކައެއް ނުދެއްކެވުނު،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ވާހަކަދައްކަވަން މީގެ ކުރިން 12 ފަހަރު ދައުވަތު ފޮނުއްވީ ބޭރުގެ ގައުމުތަކަށް ނުވަތަ އީޔޫ އަށް ދައްކަން ވެގެނެއް ނޫން ކަމަށެވެ.

އީސް އިތުރަށް ވިދާޅުވީ މި ފަސް އަހަރު ދުވަހަކީ ހިތްދަތި ދުވަސްތަކެއްކަމަށެވެ.

އަދި 2015 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ކުރިއަށްދަނީ "އޮބްސްޓަކްލް ރޭސް" އެއްގައި ކަމަށާއި ދެ ފަހަރެއްގެ މަތިން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރެއްވިކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.