Last Updated: April 23, 11:52
Tuesday, April 23, 2024
ޚަބަރު

މީދޫ/މަރަދޫފޭދޫ ތަރައްގީ ނުކުރީ ކަމަށް އެއްބަސްވެއްޖެ: ރޮޒޭ

ރޮޒެއިނާ އާދަމް ނޫސް ކޮންފަރެންސެއްގައި، ފޮޓޯ: ވީނިއުސް

އެއްވެސް މަޖިލިސް މެމްބަރަކަށް ރަށް ރަށަށް ތަރައްގީ ނުގެނެވޭނެ ކަމަށާއި އެއީ ހަމައެކަނި ރައީސްއަށް ގެނެވޭ އެއްޗެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަމިއްލައަށް އިއުތިރާފްވެ ވަޑައިގެންފައިވާއިރު މީދޫއާއި މަރަދޫފޭދޫ އަށް އިހުމާލުވެފައިވަނީ ސީދާ އެމަނިކުފާނު ކަމަށް އަމިއްލައަށް ވިދާޅުވެވިއްޖެ ކަމަށް އެ ދެ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭގެ ފާޑުކިޔުންތައް އަނެއްކާވެސް ރައީސް ޔާމީނަށް އަމާޒުވެފައިވަނީ މިއަދު އެމަނިކުފާނު ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ސަބަބުންނެވެ. ރައީސް ވަނީ ތިނަދޫ ތަރައްގީ ކުރައްވަނީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ.

އަދި ތިނަދޫ ތަރައްގީ ކުރުމުން ތިނަދޫގެ އެއްވެސް ދާއިރާއެއް ތަމްސީލު ކުރައްވާ މަޖިލިސް މެމްބަރަކަށް އެއީ އެބޭފުޅުން ރަށަށް ކޮށްދެއްވި ކަމެއް ކަމުގައި ނުބުނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިނަދޫގެ ދެމެމްބަރުން ވެސް ވަނީ ރައީސް ޔާމީންގެ ފަޅި ދޫކުރައްވައި އިދިކޮޅާއި ގުޅިވަޑައިގެންފައެވެ. އަދި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ދެބޭފުޅުންވެސް އަންނަނީ ފާޑުވިދާޅުވަމުންނެވެ.