Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

"އުމުރަށް ޔާމީން ވެރިކަމުގައި ހުރުމަށް އާދޭސް ކުރާނަން"

ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް ގެންނަން ވީ ހަމައެކަނި 10 އަހަރަށް ނޫން ކަމަށާއި، އެމަނިކުފާނަށް 30 އަހަރުގެ ވެރިކަން ވެސް ދޭން ޖެހޭ ކަމަށް ރަނިންމޭޓު، ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ކެމްޕޭނުގައި ރޭ "ރުމާލު 2" ޖަގަހައިގައި ހުވަދޫ އަތޮޅު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝަހީމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ދީނުގެ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމް ދީން ފޮހެވިގެން ނުދާނެ ކަމަށެވެ.

އެހެންކަމުން، ދީނަށް ނަސްރުދޭ ވެރިކަމެއް މިރާއްޖޭގައި އޮންނަން ޖެހޭ ކަމަށާއި، އެމަނިކުފާނު ދިރި ދުނިޔޭގައި ހުރިހާ ހިނދަކު ރައީސް ޔާމީން ވެރިކަމަށް ކުރިމަތިލެއްވުމަށް އާދޭސް ދަންނަވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ދުނިޔޭގައި ހުރިއްޔާ ރައީސް ޔާމީން ކުރިމަތިލާތޯ ދެފައި ހިފާ އާދޭސް ކުރާނަން. އިސްލާމް ދީނަށް ނަސްރު ދޭހާ ހިނދަކު އެމަނިކުފާނު ފަހަތުގައި ހުންނާނަން."

މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އިދިކޮޅުން ދޮޅު އަހަރުގެ ވެރިކަމެއްގެ ދަޅަ ދައްކަނީ އެމީހުންގެ "ރޫހާނީ ލީޑަރު" ވެރިކަމަށް ގެންނަން ކަމަށާއި އެފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށެވެ. އަދި އެފުރުސަތު ދީފިނަމަ ގައުމު ހަލާކުވެގެން ދާނެ ކަމަށް ބުނެ ޝަހީމް ވަނީ އިންޒާރު ދީފައެވެ.

ރަނިންމޭޓު ކަމަށް ޝަހީމް އައްޔަން ކުރުމުން އިދިކޮޅު ފަރާތްތަކުން ދެއްކެވި ވާހަކަތަކަށް ރޭގެ ޖަލްސާގައި ރައްދު ދެއްވާފައިވެއެވެ. އެގޮތުން ވެރިކަން ލިބުމުން ނައިބު ރައީސް އެއްލާލާނެ ކަމަށް އިދިކޮޅުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ އެމަނިކުފާނަކީ ރައީސް ޔާމީނަށް އަމާނާތްތެރި ބޭފުޅަކަށް ވާނެ ކަމަށާއި ރައީސް ޔާމީން އެމަނިކުފާނު އެއްލާނުލާނެ ކަމަށެވެ.

އަދި އުފަން ރަށް، ގއ. މާމެންދޫއިން ވެސް ޝަހީމަށް 37 ވޯޓުވެސް ނުލިބޭނެ ކަމަށް ބުނުމުން ޝަހީމް ވިދާޅުވީ އެމަނިކުފާނު ރަނިންމޭޓަކަށް ހުރުމުން އެރަށުން ގިނަ އަދަދެއްގެ ވޯޓު ލިބޭނެ ކަމަށެވެ. ސަބަބަކީ އެމަނިކުފާނުގެ ކާފަގެ ކާފަ ދަރިކަލުންނާއި މުނި ކާފަ ދަރިކަލުން އިތުރު މީހަކަށް ވޯޓު ނުދޭނެ ކަމުގެ ޔަގީންކަން އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ދެ ދައުރަށް ވުރެ ގިނައިން އެމަނިކުފާނު ވެރިކަމުގައި ހުންނަން ޖެހޭ ކަމަށް ބުނެފައެވެ. ނަމަވެސް ގާނޫނު އަސާސީގައި ބުނާ ގޮތުން ވެރިކަމުގައި އެއް ބޭފުޅަކަށް ގިނަ ވެގެން ހުރެވޭނީ ދެ ދައުރަށެވެ. އެއީ 10 އަހަރު ދުވަހެވެ.