Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

ސަލްމާން ކެޓްރީނާގެ ކޮއްކޮ ލޯންޗް ކުރަނީ

ކެޓްރީނާ އޭނާގެ ކޮއްކޮ އީސަބެއްލާ (ވ)އާ އެކު.

ސަލްމާނަކީ ފިލްމީ ދާއިރާ އަށް އާ ފަންނާނުން ނެރުމުގައި ދެވަނައެއް ނެތް އެކްޓަރެކެވެ.

އެގޮތުން މި ފަހަރު ލިސްޓަށް އިތުރުވާ ބަތަލާއަކީ ބޮލީވުޑްގެ އެންމެ ނުފޫޒް ގަދަ ބަތަލާއިންގެ ތެރޭގައި މިހާރު ހިމެނޭ އަދި ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީސަބެއްލާ ކެއިފް އެވެ.

ދެހާސް ތިން ވަނަ އަހަރު ފިލްމް "ބޫމް" އިން ބޮލީވުޑަށް ތައާރަފްވި ނަމަވެސް ކެޓްރީނާ "ގެއްލިފައި ވަނިކޮށް" މަޝްހޫރު ބަތަލާއަކަށް އޭނާ ހަދައި ދިނީ ސަލްމާނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އީސަބެއްލާގެ ފުރަތަމަ ފިލްމަކީ ސަލްމާން ކޯ-ޕްރޮޑިއުސް ކުރާ ކެނެޑާ ފިލްމެއް ކަމަށްވާ "ޑރ. ކެބީ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އީސަބެެއްލާ އާ އެކު މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ކެނެޑާގެ ކުންފުންޏަކާ ގުޅިގެން އަކްޝޭ ކުމާރް 2011 ވަނަ އަހަރު ގެނެސް ދިން "ސްޕީޑީ ސިންގް" ގެ ބަތަލު ވިޖޭ ވިރްމާނީ އާއި ދާދި ފަހުން ރިލީޒްވި ހޮލީވުޑްގެ ފިލްމް "ޖީއައި ޖޯ: ރިޓަލިއޭޝަން" ގެ ތަރި އެޑްރިއަން ޕެލިކީގެ އިތުރުން އެމެރިކާގެ ޓީވީ ސިލްސިލާ "ދަ ބިގް ބޭންގް ތިއަރީ" އިން ފެނިގެން ދިޔަ އިންޑިއާގެ އެކްޓަރު ކުނާލް ނައްޔަރު ހިމެނެ އެވެ.

"ޑރ. ކެބީ" ގެ ޑިސްޓްރިބިއުޓަރަކީ އިންޑިއާގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސްްއެއް ކަމަށްވާ އިރޯސް އިންޓަނެޝަނަލް އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމްގެ ބަޖެޓަކީ 25 މިލިއަން ޑޮލަރެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިރޯސްގެ އޮފިޝަލަކު ވެސް ވަނީ އީސަބެއްލާ "ޑރ. ކެބީ" އިން ފެނިގެން ދާނެކަން ކަށަވަރުކޮށް ދީފަ އެވެ. އަދި އެ ފިލްމަށް އޭނާ ހަމަޖެއްސީ އޮޑިޝަނަކަށް ފަހު ކަމަށް ވެސް އޮފިޝަލް ބުންޏެވެ.

"ޑރ. ކެބީ" ގައި ކިޔައި ދޭނީ އިންޑިއާގެ ޒުވާން ޑޮކްޓަރަކު ކެނެޑާ އަށް ދިރިއުޅުން ބަދަލުކޮށް އެ ތަނުގެ މެޑިކަލް ސްކޫލަކުން ވަޒީފާއެއް ހޯދަން ނިކުތުމުން އެކަން ކާމިޔާބް ނުވުމުން ޓެކްސީ ޑްރަވަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ގޮތެވެ.

މި ފިލްމްގެ ޑައިރެކްޓަރަކީ ކެނެޑާގެ މަޝްހޫރު ޑައިރެކްޓަރު ޖީން ފްރާންކޮއިސް ޕުލިއަޓް އެވެ. ފިލްމްގެ މަންޒަރުތައް ކެނެޑާގައި މިހާރު ވަނީ ނަގަން ފަށާފަ އެވެ.

އެހެން ނަމަވެސް މި ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.