ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ތަންފީޒީ އިސް މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ ޗާންސެލަރ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިއްޔެއިން ފެށިގެން މި ހިނގާ ޖުލައި މަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުރު 14:30ގެ ނިޔަލަށް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ނުވަތަ 08 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ފަނޑިޔާރުކަންކޮށް ތަޖުރިބާ ލިބިފައިވާ އަދި ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރވެފައިވާ މީހަކު ކަމުގައިވުން، ނުވަތަ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ތަޢުލީމު ދިނުމުގެ މަސައްކަތުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ އެވެ.
ސުޕްރީމް ކޯޓުން ބުނީ މި މަޤާމުގެ މުއްދަތަކީ މަޤާމަށް އައްޔަންކުރެވޭ ދުވަހުން ފެށިގެން މީލާދީ 05 އަހަރު ކަމަށެވެ. ނަމަވެސް މި މަޤާމަށް ޢައްޔަންކުރެވޭ ފަރާތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ މިންވަރު ވަޒަންކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން، އެމީހަކު އިތުރު ދައުރަކަށް ޢައްޔަންކުރުމުގެ އިޚްތިޔާރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ލިބިގެންވާ ކަމަށްވެސް އިއުލާނުގައި ވެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި -/30,000ރ (ތިރީސްހާސް ރުފިޔާ) ލިބޭނެއެވެ. މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި -/15,000ރ (ފަނަރަހާސް ރުފިޔާ) އަދި ފޯނު އެލަވަންސްގެ ގޮތުގައި -/2,000ރ (ދެހާސް ރުފިޔާ) ލިބޭނެއެވެ.
މި މަޤާމުގައި ހުންނަވާ ފަރާތެއްގެ މައިގަނޑު މަސްއޫލިއްޔަތްތަކަށް ވާނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް "ކޮންޓިނުއިންގ ޖުޑީޝަލް އެޑިއުކޭޝަން" ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޛުކުރުމުގެ އެންމެހާ މަސައްކަތްތައް ޖުޑީޝަލް އެކަޑަމީގެ އިސްތިޝާރީ މަޖިލިހުން ނިންމަވާ ގޮތެއްގެމަތިން ހިންގުމެވެ.
މި މަޤާމަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރައްވާނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަށެވެ.