ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވާ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ހދ. ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ޤާސިމް އިބްރާހީމަކީ ރާއްޖޭގެ ކޯޓުތަކަށް ވަރަށް ފަރިތަ ބޭފުޅެއް ކަމަށާއި ކޯޓުތަކުން ކަންކަން ނިންމަން ވެސް ޤާސިމް ވަރަށް ފަރިތަވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ވާދަކުރުމުގެ ފުރުސަތު ހަނިވާގޮތަށް އެމަނިކުފާނު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި މިހާރު ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނަކީ ޝަރުއީ ހުކުމްތަކެއް ތަންފީޒު ކުރައްވާ ފާރަތްތަކެއް ކަމަށެވެ.
އަދި 65 އަހަރުން މަތީގެ ފަރާތްތަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހުގައި ޤާސިމް ވެސް ބައިވެރިވެވަޑައިގެން ވޯޓު ދެއްވި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޤާސިމްގެ މައްޗަށް އިއްވި ޖަލު ޙުކުމް އިސްތިއުނާފު ނުކޮށް، ރާއްޖެއިން ބޭރުގައި ހުންނެވުމަކީ އެއީ ރަނގަޅު ޙުކުމެއްކަން ޤާސިމް ވެސް ގަބޫލު ކުރައްވާކަމުގެ ހެއްކެއް ކަމަށެވެ.