Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޝަރުޠު ތަކަކާއި އެކު ސިޔާދު ދޫކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ޤާސިމް މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓްގައި މިއަދު ބޭއްވި އަޑުއެހުމުގައި ސިޔާދު މިނިވަންކުރުމަށް އަމުރުކޮށްފައި ވަނީ ތިން ޝަރުތަކާއެކު އެވެ.

އެނގިފައިވާ ގޮތުގައި ސިޔާދު ދޫކޮށްލާފައި ވަނީ މާލެ ސަރަހައްދުން ދާނަމަ ކޯޓަށް އެންގުމާއި، ފޯނު ނަމްބަރު ބަދަލުވާނަމަ ކޯޓަށް އެންގުމުގެ އިތުރުން ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުމަށް ޝަރުތުކޮށްފަ އެވެ.

ސިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އެހެންނަމަވެސް ސިޔާދު އަބަދުވެސް ގެންދަވަނީ ގެންދަވަނީ އޭނާއަށް ކުރާ ދައުވާތަކަށް އިންކާރު ކުރައްވަމުން އެވެ.

އެ މައްސަލައާއި ގުޅިގެން ޝަރީއަތް ނިމެންދެން ސިޔާދުވަނީ ބަންދުކޮށްފައެވެ.

އެ މައްސަލައާއި ބެހޭގޮތުން ޕީޖީ އޮފީހުން ބުނީ ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ ގެއިން ފެނުނު ދަބަހެއްގެ ތެރެއިން ސިޔާދު ސޮއިކޮށް ރިޝްވަތުގެ ގޮތުގައި 2.4 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ސިޓީއެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީ އަދިވެސް ޕީޖީގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނުވެއެވެ. އެކަން ފާހަގަކުރައްވައި ސިޔާދުގެ ވަކީލުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އެދިވަޑައިގެންފަ އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ ހައިލަމް ނިންމެވީ ސިޔާދު ބަންދުން ދޫކޮށްލުމަށެވެ. ސިޔާދު ބަންދުން މި ދޫކޮށްލީ، ފަސް މަހާއި 13 ދުވަސް ފަހުން އެވެ.