Last Updated: April 24, 12:03
Wednesday, April 24, 2024
ޚަބަރު

ފޯނު ދެއްވި ނަމަ މައުމޫން ހުންނަވާނީ ގޭގައި: ރައީސް ޔާމީން

ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ފުލުހުންގެ ތަހުޤީޤަށް ފޯން ދެއްވިނަމަ އެމަނިކުފާނު މިހާރު ހުންނަވާނީ ގޭގައި ކަމަށް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހދ. ހަނިމާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ކޮންމެ ގޮތަކަށް ބަޔަކު ވާހަކަ ހަދައިގެން ދައްކަމުންދިޔަ ނަމަވެސް އެމަނިކުފާނު އަދިވެސް އެންމެ އިހްތިރާމް ކުރައްވާ ބޭފުޅަކީ މައުމޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް އުފުލުނު ދައުވާތަކާ ގުޅޭގޮތުން، އެކި ފަހަރުމަތިން ރައީސް މައުމޫނަށް ގޭގައި ހުންނެވޭނެ ފުރުޞަތު އެރުވުނު ކަމަށާއި އެހެން މީހުންނާ އެއްގޮތަށް އެކަން ކުރެއްވިނަމަ އެމަނިކުފާނަށް އެކަހެރިކޮށް ނުވަތަ ޖަލުގައި ހުންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ ކަމަށެވެ.

"ފުރުޞަތު ފުރަތަމަ ބޭނުންފުޅު ހިއްޕަވާނެކަމަށް އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ އުންމީދީ ވާހަކަތަކެއް އިވިފައި، ފުރުޞަތުގެ ބޭނުން ނުހިއްޕެވީ. އެއީކީ ރައީސް ޔާމީން ކުރެއްވި ކަމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މީހެއްގެ މައްޗަށް ތުހުމަތު ކުރެވިގެން ތަހުޤީޤަކަށް ގެންދާ ކަމަށް ވަންޏާ އެންމެ ފުރަތަމަ ވެސް އެ ކުރެވޭ ތުހުމަތުގެ މައްޗަށް ބަލާއިރު އެ ތުހުމަތަކީ ފޯނުގެ ޒަރިއްޔާ އިން ނުވަތަ އިންޓަނެޓުގެ ޒަރިއްޔާ އިން ހިންގާފައި އޮތް މުއާމަލާތްތަކެއް ކަމަށް ވާނަމަ، ފޯނާއި އިންޓަނެޓު ބޭނުންކުރި ސާމާނު ހޯދަން ފުލުހުން ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވެސް ފުލުހުންގެ ތަހުޤީޤަށް ފޯނު ދެއްވަން އެދިވަޑައިގަތުމުން ފުރަތަމަ އެކަމަށް އިންކާރު ކުރެއްވި ކަމަށާއި ފަހުން ރިޔާޒަށް ވެސް ފޯނު ދެއްވަން މަޖުބޫރުވެވަޑައިގަތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަދި ޤާނޫނީ މަރުހަލާގައި އެއްބާރުލުން ދެއްވަން އިންކާރު ކުރެއްވުމުން، ރިޔާޒަށް ވެސް ހުކުމެއް އައި އެންމެ ފުރަތަމަ ފޯނު ދެއްވި ނަމަ ރިޔާޒަށް ވެސް އެފަދަ ހުކުމެއް ނާންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާޒާއި އެއްގޮތަށް ހަމަ ރައީސް މައުމޫނަށް ވެސް އެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، ރައީސް މައުމޫން ވެސް އެންމެ ފުރަތަމަ ފުލުހުންނަށް ފޯން ދެއްވިނަމަ މިއަދު ޖަލުގައި ހުންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް މައުމޫންގެ މައްޗަށް މިދައުވާ އުފުލީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކުރުމަށްފަހު ފޯނު ދޭން އެދުމުން ފޯން ދިނުމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލީ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅިކަމުގެ ދައުވާ އެވެ.

އެ ދައުވާ ސާބިތުވެ މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

މާފުށީ ޖަލުގައި އެމަނިކުފާނު ގެންދަވަނީ އެ ހުކުމް ތަންފީޒުކުރައްވަމުންނެވެ.