ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ކޯޓުއަމުރާއި ގުޅިގެން ހައްޔަރުކުރި ޑިޕާޓްމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައިދު ހަތަރު މަހާއި، 24 ދުވަހަށް ޖަލަށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހަސަން ސައީދު ޖަލަށް ހުކުމް ކުރީ އޭނާގެ މައްޗަށް އުފުލި ދައުލަތް ހިންގުމަށް ހުރަސްއެޅިކަމުގެ ދައުވާ ސާބިތުވެގެންނެވެ. ހަސަން ސައީދު ހޯދުމަށް ފުލުހުން އެންގުމުން އޭނާ ފިއްލެވައި ހުންނަވަނިކޮށް ހައްުޔަރުކޮށްފައިވަނީ ސިފައިން ސުޕުރީމް ކޯޓުގެ ފުރާޅު ޓިނު ނައްޓައިގެން ވަދެ ސްޕްރީމް ކޯޓު ތެރެއިންނެވެ.
ހަސަން ސައީދު އާއި އެކު އެކޮޓަރި ތެރެއިން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު ހަލީ ހަމީދުވެސް ހައްޔަރުކުރިއެވެ.
ހަސަން ސައީދުއަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރިއިރު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދަށްވެސް ވަނީ ދައުލަތް ހިންގުމަށް ހުރަސްއެޅި ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. އަދި އެހުކުމް ހައިކޯޓުން ދެމެހެއްޓުމާއި ގުޅިގެން ދެބޭފުޅުންވެސް ވަނީ ފަނޑިޔާރުކަމުން ވަކިވެފައެވެ.