Last Updated: July 13, 10:23
Sunday, July 13, 2025
ޚަބަރު

"މިއަދަކީ އަނިޔާވެރި ގޮށްތައް މޮހެން ފެށުނު ދުވަސް"

ޖުމުހުރީ ޕާޓީގެ ކުރީގެ ލީޑަރ ގާސިމް އިބްރާހިމް، ފޮޓޯ: މިހާރު

މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށި ދުވަސްކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ހައްޔަރުކޮށްފައިވާތާ ފަސް މަހާއި 13 ދުވަސް ފަހުން މިއަދު ޝަރުޠު ތަކަކާއި އެކު ދޫކޮށްލުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމް ވިދާޅުވީ ޖަލުގެ އަނިޔާވެރިކަމުން ސިޔާދު މިންޖުވުމަކީ ލިބުނު އުފަލެއް ކަމަށާއި، ހައްޤުގެ މަގަށް އެޅުނު ފިޔަވަޅެއްކަމަށެވެ.

ސިޔާދު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ ތިން ޝަރުޠަކާއި އެކުއެވެ. އެއީ މާލެ ސަރަހައްދުން ދާނަމަ ކޯޓަށް އެންގުމާއި، ފޯނު ނަމްބަރު ބަދަލުވާނަމަ ކޯޓަށް އެންގުމުގެ އިތުރުން ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުމަށް ޝަރުތުކޮށްފަ އެވެ.