Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ލޯ ފެކަލްޓީގެ ކޯސްތަކަށް ކުރިމަތިލުން މިއަދު ހަމަވާނެ!

މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ސ. ހުުޅުމީދޫގައި ގާއިމުކޮށްފައިވާ ލޯ ފެކަލްޓީން އަންނަ މަހުގެ ތެރޭގައި ފުރަތަަމަ ފަށާ ދެ ކޯހަށް އެޕްލައި ކުރުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވާނެ އެވެ.

ލޯ އިންސްޓިޓިއުޓާއި ވިލާ ކޮލެޖް ޕާޓްނާޝިޕެއްގެ ދަށުން ހިންގާ ލޯ ފެކަލްޓީން ހުޅުވާލާފައި ވަނީ ފައުންޑޭޝަން އިން ލޯ އާއި ސެޓްފިކެޓް 3 އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހަށެވެ.

ކޮންމެ ކޯހަކުން 35 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ މި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ގަ އެވެ.
އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އައިޝަތު ޝިބާނާ (7435721) އާއި އަބްދުﷲ ސޯލިހް (7773854) އަށް ގުޅުމުން ލިބޭނެ ކަމަށް ލޯ އިންސްޓިޓިއުޓުން ބުންޏެވެ.

އެ އިންސްޓިޓިއުޓުން ބުނީ ފައުންޑޭޝަން އިން ލޯ އަށް އެޕްލައި ކުރެވޭނީ ޖީސީއޯ ލެވެލްގައި ތިން މާއްދާ އިން ސީ ނުވަތަ އެއަށް ވުރެ މަތިން ފާސްވެފައިވާ އަދި މި ދާއިރާ އިން ސެޓްފިކެޓް 3 އާ ފެންވަރުގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސަނަދެއް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

އަދި ސެޓްފިކެޓް 3 އިން ކްރިމިނަލް އިންވެސްޓިގޭޝަން އަށް އެޕްލައި ކުރެވޭނީ ގްރޭޑް 10 އަށް ނިންމާފައިވާ އަދި މި ދާއިރާ އިން ސެޓްފިކެޓް 2 އާ ފެންވަރުގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސަނަދެއް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

ކޯސްތައް ކުރިއަށް ދާނީ ހުޅުމީދޫގައި ހުންނަ އެސްޓީއޯ އިމާރާތުގެ މަތީ ދެ ފަންގިފިލާގަ އެވެ.