Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ދުންފަތުގެ އިސްތިއުމާލު ކުރެވޭ ހުއްދަ އަށް އައްޑޫން އެދުނީ އެންމެ ތިން ތަނަކުން: އޭޕީއެޗްޔޫ

ސ. ހިތަދޫ އައިސް ޑިލައިޓް ރެސްޓޯރެންޓް: ހުއްދަ ނުނަގައި ކެފޭ/ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެއް.

ޖެނުއަރީ 1 އިން ފެށިގެން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން، ވަކި ހުއްދައެއްގެ ދަށުން ނޫނީ މަނާކުރާ ގަވައިދަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާއިރު، އެ ހުއްދަ އަށް އެދި އައްޑޫން ހުށަހަޅާފައި ވަނީ އެންމެ ތިން ތަނަކުން ކަމަށް އައްޑޫ ޕަބްލިކް ހެލްތު ޔުނިޓް (އޭޕީއެޗްޔޫ) އިން ބުނެފި އެވެ.

އެ ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ 60 އަށް ވުރެ ގިނަ ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން އައްޑޫގައި ހުރި އިރު، ހުއްދަ އަށް އެދި މިހާތަނަށް ހުށަހެޅީ އެންމެ ތިން ފަރާތަކުން ކަމަށެވެ. ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފަށާތީ މިކަމާ ބެހޭ ގޮތުން ކެފޭ/ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ނޮވެމްބަރު މަހުގެ ތެރޭގައި އައްޑޫގެ ރަށްރަށުގައި ބާއްވާފައިވެ އެވެ.

"އެންމެ ތިން ފަރާތަކުން ހުއްދަ އަށް އެދިފައި ވަނީ. އެކަމަކު އަޅުގަނޑުމެން ބަލަމުން ގެންދާނަން ހުއްދަ ނުނަގާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރޭތޯ. އަދި އެގޮތަށް އަމަލު ކުރާ ނަމަ ގަވައިދުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު ވެސް އަޅުމުން ގެންދާނަން،" އޮފިޝަލް ވިދާޅުވި އެވެ.

ޖެނުއަރީ 1 އިން ފެށިގެން ގަވައިދު ތަންފީޒު ކުރަން ފަށާތީ ވީހާ ވެސް އަވަހަކަށް ހުއްދަ ހޯދުމަށް ސެންޓަ ފޮ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން މީގެ ކުރިން ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ އޮންނަ ތަންތަނަށް އެއް އަހަރުގެ މުއްދަތަށް 1،000ރ. ގެ ފީއެއް ނަގާނެ އެވެ. އަލަށް އަމަލުކުރަން ފަށާ ގަވައިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ އާންމު ތަނެއްގައި، ދުންފަތުގެ އިސްތިއުމާލްކޮށްފި ނަމަ އެކަމެއް ކުރާ މީހަކު 500ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ގާނޫނީ ގޮތުން މަނާ ތަންތަނުގައި އެކަންކޮށްފި ނަމަ އެތަނެއްގެ ވެރި ފަރާތް 1،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި އެކަން އަންގައިދޭ ލިއުން ބަހައްޓާފައި ނުވާ ނަމަ ފުރަތަމަ ފަހަރު އެތަނެއްގެ ވެރި ފަރާތް 500ރ. އިން ޖޫރިމަނާ ކުރުމަށް ފަހު، އެކަން އިސްލާހު ނުކުރާ ނަމަ ދެ ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ގަވާއިދުގައިވާ ގޮތުން، ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓާއި ޕާކުތަކާއި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ އަމިއްލަ ކުންފުނިތަކުގެ އޮފީސްތައް ހިންގާ އިމާރާތްތަކާއި މިނިވަން މުއައްސަސާތަކުގެ އޮފީސްތަކާއި އާންމުކޮށް މީހުން އެއްވެ އުޅޭ ގިނަ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި މުސްކުޅިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގާ ބިންތަކުގައި ވެސް ދުންފަތުގެ ބޭނުމެއް ނުކުރެވޭނެ އެވެ. ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވަކި ތަނެއް ހަދައި، އެކަމަށް ހުއްދައެއް ނަގަން ޖެހެ އެވެ.

ގަވާއިދުގައިވާ ގޮތުން ފެރީ އުޅަނދުތަކާއި ފެރީ ޓާމިނަލްތައް އަދި އާންމުކޮށް މީހުން ގޮވައިގެން ދަތުރުކުރާ އުޅަނދުތަކާއި ތަކެތި ނުވަތަ ހިދުމަތް ލިބުމަށް އެތަނަކަށް އާންމުކޮށް މީހުން ކިއު ހަދައިގެންނާއި މަޑުކޮށްގެން ތިބެން ޖެހޭ ތަންތަނުގައި ވެސް ދުންފަތް ބޭނުން ކުރުމަކީ މަނާކަމެކެވެ.