ރޭ ހުޅުމާލޭގައި ހިންގި މާރާމާރީގައި ޒަޚަމްވި ޒުވާނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.
މާރާމާރީގައި އޭނާގެ ގައިގެ ހަތް ތަނަކަށް ވަޅި ހަރާފައިވަނިކޮށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް، އެ ހޮސްޕިޓަލުގައި އެމަޖެންސީގައި ޒުވާނާއަށް ފަރުވާ ދީފައިވެއެވެ.
ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި އޭނާގެ ހާލު މިވަގުތަކަށް ވަނީ ސްޓޭބަލް ކުރެވިފައެވެ.
މާރާމާރީގައި ހަމަލާދީފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނަކަށެވެ. މިމައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށާފައެވެ.