Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލު ކުރަން ފަށައިފި

އީޔޫ ފޮރިން އެފެއާޒް ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ - ފޮޓޯ: ގޫގުލް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ފާސްކުރި އޮނިގަނޑަށް އިނގިރޭސިވިލާތް (ޔޫކޭ) އިން ޢަމަލުކުރަން ފަށައިފި އެވެ.

އިނގިރޭސިވިލާތުން ނިންމާފައި ވަނީ ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް އަރައިގަނެ، ޤާނޫނުތަކާ ޚިލާފަށް އަދި ހަމަނުޖެހުން އުފައްދައި ބާރުގެ ބޭނުންކޮށްގެން ސިޔާސީ މިނިވަންކަމަށް ހުރަސް އަޅާ މުއައްސަސާތަކާއި އެ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ދޭ ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅުމަށެވެ.

އެހެންނަމަވެސް، ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓެއް ޔޫކޭ އިން އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ފްރޭމްވޯކް އީޔޫ އިން އެކުލަވާލާފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި އެ އިއްތިހާދުގެ ބައްދަލުވުމެއްގަ އެވެ.

އީޔޫގެ މެމްބަރު ޤައުމްތަކަށް ރާއްޖެއާއި ދެކޮޅަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ މެމްބަރު ޤައުމްތަކަށް އެތެރެވުން މަނާކުރުމާއި އެމީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ޤަނޫނާ ޚިލާފަށް ހުރަސް އަޅައި ބާރުގެ ބޭނުންކުރާ މީހުންނާއި މައްސަސާތަކާއި އެ ފަރާތްތަކާއި ގުޅުންހުރި މީހުންނާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ބާރު މެމްބަރު ޤައުމްތަކަށް ދީފައިވާއިރު، ޚާއްސަކޮށް ރިޔާސީ އިންތިޚާބާ ދިމާކޮށް އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކަށް އަމާޒުކުރަން ވެސް ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މި ފިޔަވަޅުތައް އެޅޭނެ ކަމަށް އީޔޫ އިން ނިންމާފައިވާއިރު، ފިޔަވަޅުތައް އަޅާނީ ކޮން ބައެއްގެ މައްޗަށް ކަން ކަނޑައެޅުމަށް އީޔޫ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި ފާސް ކުރަން ޖެހެ އެވެ. މީގެ އިތުރުން ޙާލަތު ބަދަލުނުވާނަމަ އެއަށްވުރެ ދިގު މުއްދަތަކަށް ފިޔަވަޅުތައް ދެމެހެއްޓުމުގެ ބާރު މެމްބަރު ޤައުމުތަކަށް ލިބިގެންވެއެވެ.

އިނގިރޭސިވިލާތަކީ އީޔޫގެ މި އޮނިގަނޑަށް އަމަލުކުރަން ފެށި ފުރަތަމަ ގައުމެވެ.

އީޔޫ އިން ރާއްޖެއާއި ދެކޮޅަށް މި އޮނިގަނޑު ފާސްކުރުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ފިޔަވަޅު އެޅުމުން ގެއްލުން ލިބޭނީ އެމަނިކުފާނަކަށް ނޫން ކަމަށާއި، އެކަމުގެ އަސަރުކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.