Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން ރާއްޖޭގައި ފަށައިފި

އެންޖަލްހެކް މޯލްޑިވްސް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދިރާގު

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން "އޭންޖަލް ހެކް" 50 އަށް ވުރެ ގިނަ ބައިވެރިންނާއި އެކު ރާއްޖޭގައި ފަށައިފިއެވެ.

ދިރާގާއި "ސްޕާރކް ހަބް" ގުޅިގެން "އޭންޖެލް ހެކް މޯލްޑިވްސް"ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހެކަތޯންއަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޒުވާނުން ކުރިއަރުވައި އަމިއްލަ ވިޔަފާރިތައް ފެށުމަށް ބާރުވެރިކުރުމުގެ ބޭނުމުގައި ބާއްވާ ޙަރަކާތެކެވެ.

ހެކަތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް ރަޝީދު ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުމަކީ ދިރާގުގެ ސީއެސްއާރުގެ އެންމެ މުހިންމު އެއް ކަންތައް ކަމަށާއި ދިވެހި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ އެ މީހުންގެ ހުނަރުތައް ދައްކާލުމަށް އެހީތެރިވެ ދިނުމަކީ ދިރާގުން ބޭނުންވާ ކަމެއް ކަމަށެވެ.

މި ހެކަތޯންއާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އޭންޖެލް ހެކްގެ ރީޖަނަލް މެނޭޖަރ ރަތީޝް ނަރަޔާނަމް ވިދާޅުވީ މީގެ ސަބަބުން ޒުވާނުންނަށް އާ ކަންކަން ތަޖުރިބާކުރެވި އާ ހުނަރު ދަސްކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އަމިއްލަ ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް މި ހެކަތަން ވެގެންދާނީ ވަރަށް ފައިދާހުރި ހެކަތަންއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުރޫޕް ކޮންނާއި ވަކިވަކި ފަރުދުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ މި ހެކަތޯންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް އެމެރިކާގެ ސެން ފްރެންސިސްކޯގައި އޮންނަ އޭންޖެލް ހެކްސެލެރޭޓަރ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އޭންޖެލް ހެކަކީ 2011 ވަނަ އަހަރު ސެން ފްރެންސިސްކޯގައި އުފެއްދި ގްލޯބަލް ހެކަތަން އޯގަނައިޒޭޝަންއެކެވެ.

ހޮޓެލް ޖެންގައި ކުރިއަށްގެންދާ މި ހެކަތޯންއަކީ ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމުގެ 60 ސިޓީގައި ސިލްސިލާ ގޮތުގައި ކުރިއަށް ގެންދާ ހެކަތޯން އެވެ. މި ހެކަތޯން ރާއްޖޭގައި ފެށިއިރު ރާއްޖެއެކޭ އެއް ވަގުތެއްގައި އެހެން ހަތަރު ޤައުމެއްގައި މިހާރުވެސް ކުރިއަށް އެބަ ގެންދެ އެވެ.