ކުކުޅުގެ އެކި އުފެއްދުންތަކަށް ޚާއްސަކޮށްގެން 1952 އަހަރު ހުޅުވި ދުނިޔޭގެ ދެވަނަ އަށް އެންމެ މަޝްހޫރު ފާސްޓްފުޑް ޗެއިން ކަމަށްވާ ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)ގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް އަންނަ ހޯމަ ދުވަހު ހުޅުވާގޮތަށް ހަމަޖެހިއްޖެއެވެ.
ކޭއެފްސީގެ ރާއްޖޭގެ އައުޓްލެޓްގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޭ.އެފް.ސީ ހުޅުވުން އޮންނާނީ މިމަހުގެ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 11 ޖަހާއިރުކަމަށެވެ. އަދި އެތަނަށް ޒިޔާރަތްކުރާ ފުރަތަމަ 100 ކަސްޓަމަރުންނަށް ކޭއެފްސީ ލޯގޯޖެހި ޚާއްސަ ޓީ-ޝާޓެއް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މާލޭގައި ހުޅުވާ ކޭއެފްސީ ރެސްޓޯރަންޓްގައި 120 މީހުންގެ ޖާގަ ހުންނައިރު، މި އައުޓްލެޓް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަމީނީމަގުގައި ހުންނަ މާލޭ ސްކޮއަރގައެވެ.
ކޭއެފްސީ އަކީ އެމެރިކާގެ ފާސްޓްފުޑް ކުންފުންޏެއް ކަމަށްވާ "ޔަމް! ބްރޭންޑްސް" ގެ ސަބްސިޑަރީ ފުޑްޗެއިން އެކެވެ.
ކޭއެފްސީގެ 20،000 އަށްވުރެ ގިނަ އައުޓްލެޓް ދުނިޔޭގެ 123 ޤައުމެއްގައި މިހާރުވެސް ހިންގަމުން އަންނައިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް ކޭއެފްސީގެ އައުޓްލެޓެއް ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ދުނިޔޭގެ ބައެއް މަޝްހޫރު ފާސްޓްފުޑް ޗެއިންތައް ކަމަށްވާ ބާގަރ ކިންގް، ގްލޯރިއާ ޖީންސް ކޮފީ، މެންހާޓަން ފިޝް މާރކެޓް، މޭރީ ބްރައުން، ބަރިސްޓާ ފަދަ ތަންތަނުގެ އައުޓްލެޓްތައްވެސް މިހާރުވެސް އަންނަނީ ރާއްޖޭގައި ހިންގަމުންނެވެ.