Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ރިސޯޓްތަކުގެ އޮކިއުޕަންސީ 43 ޕަސެންޓްގައި

ޓޫރިސްޓުންތަކެއް ރާއްޖޭގެ ރިސޯޓެއްގައި - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މިދިޔަ މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް، ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕަންސީ ދަށްވެ އެ އަދަދު ހުރީ 43 ޕަސަންޓްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހުގެ އޮކިއުޕަންސީ ދަށްވެ، ޖޫން މަހުގެ އޮކިއުޕަންސީ ހުރީ 43 ޕަސަންޓްގަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން މިދިޔަ އޭޕްރިލް މަހު ރިސޯޓުތަކުގެ އޮކިއުޕަންސީ 64 ޕަސެންޓްގައި ހުރުމަށްފަހު މެއި މަހު ވަނީ 50 ޕަސެންޓަށް ދަށްވެފައި ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެވްރެޖުކޮށް ފަތުރުވެރިޔަކު ރާއްޖޭގައި 6.5 ދުވަސް ހޭދަކޮށް، ރިސޯޓުތަކުގެ އެނދު ބޭނުންކޮށްފައިވާ ނިސްބަތް 63.4 ޕަސެންޓަށް އަރާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 2.3 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިދިޔަ މަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ 42،806 އެނދު ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރެއިން އެވްރެޖްކޮށް 41،209 އެނދު އޮޕަރޭޓް ކޮށްފައިވެ އެވެ. އެ މުއްދަތުގައި ޓޫރިސްޓުން ހޭދަކޮށްފައިވާ ރޭގެ އަދަދު 13.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހުގެ އޮކިއުޕަންސީ ދަށްވި ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދިހަ ޕަސެންޓް އިތުރުވެފަ އެވެ.