ނެޝަނަލް ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓަރީ ނުކޮށް ކުޅިވަރު ޖަމިއްޔާތަކުން ވާދަވެރި އެއްވެސް މުބާރާތެއް ނުހިންގުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިނުވާ ކުޅިވަރު ޖަމްޢިއްޔާތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާދަވެރި މުބާރާތްތައް ހިންގަމުން ގެންދާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު ( ޤާނޫނު ނަންބަރު: 2015/30 ) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވާދަވެރިގޮތެއްގައި ކުޅިވަރު މުބާރާތް ނުވަތަ ޙަރަކާތް ހިންގޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
އެހެންކަމުން ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީނުކުރާ ފަރާތްތަކުން ހިންގާ ވާދަވެރި ކުޅިވަރު މުބާރާތް ނުވަތަ ޙަރަކާތަކީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނާ ޚިލާފަށް ހިންގާ ޙަރަކާތްތަކެއް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން މިފަދަ މުބާރާތްތައް ހިންގުމުގެ ކުރިން މުބާރާތް ހިންގާ ފަރާތް އަދި މުބާރާތުގައި ވާދަކުރާ ކުޅިވަރު ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރުމަށް އިލްތިމާސްކުރާ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.