ސ. މަރަދޫފޭދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗް ކުރިމަތީގައި ފެންބޮޑުވާތީ އާންމުންގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.
ވިއްސާރަ މޫސުމުގައި އެ ބްރާންޗްގެ ކުރިމަތީގައި ފެން ބޮޑުވުމަކި އާންމު ކަމެކެވެ. އެހެންވެ ބޭންކަށް ހިދުމަތް ހޯދަން ދާ މީހުން ބޭންކަށާއި އެތަނުގައި ހުންނަ އޭޓީއެމް އަށް ވެސް ވަންނަން ޖެހެނީ ފެންގަނޑު ތެރެއަށް އެރިގެން "ފަތާފަ" އެވެ.
"އަޅުގަނޑުުމެންނަށް ވަރަށް އުނދަގޫ އެބަވޭ މިކަމާ. މިކަމަށް ވެއްޖެ އެކަށީގެންވާ ހައްލެެއް ހޯދަން. ވިއްސާރަ ވެއްޖިއްޔާ މަރަދޫފޭދޫގައި ހުންނަ ބީއެމްއެލް ބްރާންޗަށް ވަންނަން މި ޖެހެނީ އަތަށް ފައިވާން ނުވަތަ ބޫޓް ލައިގެން ކަށި މައްޗާ ހަމައަށް ފަޓްލޫނު ހިއްލާލައިގެން،" ފޭދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "މި ޝަކުވާ ކައުންސިލަށް ވެސް އަދި ބޭންކަށް ވެސް މިހާރު އެތައް ފަހަރަކު ހުށަހެޅިއްޖެ. ވީ ކަމެއް ހަމަ ހަރާން."
ބޭންކް ކައިރީގައި ފެން ބޮޑުވާތީ މީގެ ކުރިން އެ ސަރަހައްދުގައި ވެލި ބަސްތާ ވެސް ޖަހަމުން އައިސްފައި ވެ އެވެ. އަދި ފަހުން އޭޓީއެމް މެޝިން ހުންނަ ދިމާލުން ތިރިކޮށް ފާރެއް ވެސް ރާނާފައިވެ އެވެ. އެހެން ނަމަވެސް ބޭންކް ކައިރީގައި ފެން ބޮޑުވާ މައްސަލަ ހައްލެއް ނުވެ އެވެ.
"މިކަން މިހެން ދިމާވާކަން ކައުންސިލަށް ވެސް އެނގޭނެ. އެމީހުން ނޫޅޭ މިހެން ހުންނަ ދަތިތައް ހައްލުކޮށްދީ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތެއް ހަދާކަށް. ކޮންމެ މީހަކު ބޮޑު މުސާރަ ނަގައިގެން ގޮނޑި ހޫނު ކުރަން ތިބެނީ،" މަރަދޫ މީހަކު ބުންޏެވެ. "ބޭންކް ކައިރީ ފެން ބޮޑުވާ މައްސަލަ ހައްލު ކުރެވޭނީ އެ ސަރަހައްދުން މޫދަށް ފެން ބޭރު ކުރެވޭނެ ގޮތެއް ހަދައިގެން. ބޭންކާ ދިމާލުގައި އޮންނަ ގޯޅިތެރެ ވެސް ވާރޭ ވެހިއްޖެއްޔާ އަބަދު އޮންނަނީ ފެންބޮޑުވެފައި. އެކަން ކުރުމަކީ އެހާ އުނދަގޫ ކަމަކަށް ވެސް ނުވާނެ. މޫދު އެ އޮތީ ދިމާ ކުރިމަތީގައި."