Last Updated: April 23, 21:11
Tuesday, April 23, 2024
މުނިފޫހިފިލުވުން

އާ "ކަސޯޓީ" ގެ ޕްރޮމޯ ބަލާލިންތަ؟

ދެހާހުގެ އަހަރުތައް ފެށިގެން އައި އިރު ދިވެހިންގެ ގޭބިސީތަކުގެ ސިޓިން ރޫމްތައް ރޭގަނޑު ފަޅުފިލުވައި ދިން އިންޑިއާގެ މަޝްހޫރު ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަނެއް ގެނެސް ދޭން ނިންމައި، ޝޯގެ ޕްރޮމޯ ދައްކާލައިފި އެވެ.

މުޅިން ތަފާތު ކާސްޓަކާ އެކު މި ފަހަރު ވެސް ސިލްސިލާ ގެނެސް ދޭނީ ސްޓާ ޕްލަސް އިންނެވެ. "ކަސޯޓީ" އިން މި ފަހަރު ޕްރޭނާގެ ރޯލުން ފެނިގެން ދާނީ އެރިކާ ފެނަންޑޭޒެވެ. އާ ޕްރޮމޯ އިން ވަނީ އެކަން ކަށަވަރުވެފަ އެވެ.

ނަމަވެސް އަދި އަނޫރާގް ކެރެކްޓާ ކުޅޭ އެކްޓަރު މުޅިއަކުން ކަށަވަރެއް ނުވެ އެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އެ ރޯލުން ފެނިގެން ދާނޯ ޒުވާން އެކްޓަރު ޕާތު ސަމްތާން އެވެ.

ޕްރޮޑިއުސަރު އެކްތާ ކަޕޫރް ކުރި ޓްވީޓްތަކެއްގައި ވެސް ވަނީ ސިލްސިލާގެ ރޯލްތަކުން މި ފަހަރު ވަރަށް ޒުވާން ތަރިންތަކެއް ފެނިގެން ދާނެކަން ކަށަވަރުކޮށް ދީފަ އެވެ. އެގޮތުން އަނޫރާގްގެ ރޯލުން ވެސް ފެންނާނީ 30 އަހަރުން ދަށުގެ އެކްޓަރެއް ކަމަށް ބުންޏެވެ.

އަދި ދައްކަން ފަށާނެ ތާރީހު އިއުލާންކޮށްފައި ނުވާ "ކަސޯޓީ" ގެ އާ ސީޒަނުގައި ކޮމަލިކާގެ ރޯލް ކުޅޭނީ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" ގައި ކުރިން އަކްޝަރާގެ ރޯލް ކުޅުނު ހީނާ ހާން ކަމަށްވެ އެވެ.

އެކަމަކު އަދިވެސް ބަޖާޖްގެ ކެރެކްޓާ ކުޅޭނެ މީހެއް ލަފާކޮށްލާކަށް ވެސް ނޭނގެ އެވެ.

"ކަސޯޓީ" އަކީ 2001-2008 އަށް ގެނެސް ދިން ސިލްސިލާއެކެވެ.