Last Updated: March 29, 09:35
Friday, March 29, 2024
ޚަބަރު

މައުމޫނާއި ނަސްރީނާގެ އެނިވާސަރީ ޖަލުގައި ފާހަގަކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަނބިކަބަލުން ނަސްރީނާ އިބްރާހިމްގެ ކައިވެންޏަށް 49 އަހަރު ފުރުން މާފުށީ ޖަލުގައި ފާހަގަކޮށްފި އެވެ.

މައުމޫން އާއި ނަސްރީނާ ކައިވެންޏަށް 49 އަހަރު ފުރުން ފާހަގަކޮށްފައިވަނީ އިއްޔެއެވެ. ރައީސް މައުމޫން އާއި އެކު ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އާމިނަތު ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން އާއި ނަސްރީނާގެ 49 ވަނަ އެނިވާސަރީ މާފުށީ ޖަލުގައި ފާހަގަކޮށްފައިވާ ކަމަށާއި މި ފާއިތުވި 49 އަހަރަކީ އުފާވެރި ދުވަސްތަކެއްކަމަށް ނަސްރީނާ ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ދަށުން ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުކޮށްފައިވާ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫންވެސް ވަނީ ބައްޕާފުޅު އަދި މަންމާފުޅު ވަކިން ކައިވެނީގެ އެނިވާސަރީ ފާހަގަ ކުރައްވާތީ ހިތާމަކޮށް ދާދި އަވަހަށް ދެ ބޭފުޅުން އެކުގައި ތިއްބެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ރައީސް މައުމޫން އާއި ނަސްރީނާ އިބްރާހިމްގެ ކައިވެނީގެ ހަފްލާގެ ފޮޓޯ އަކާއި އެކު ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވީ ބައްޕާފުޅާއި މަންމާފުޅު ވަކިން ދެ ތަނެއްގައި ތިބެންޖެހުމަކީ ހިތް ކުދިކުދި ވެގެންދާ ފަދަ ކަމެއް ކަމަށެވެ.

މައުމޫން ހައްޔަރުކޮށް ޖަލަށް ލާފައިވާތީ ގިނަ ދިވެހި ރައްޔިތުން ދަނީ މިހާރުގެ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މައުމޫންގެ ފޯނު ދެއްވި ނަމަ އެމަނިކުފާން މިހާރު ހުންނަވާނީ ގޭގައި ކަމަށެވެ.