Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

މެމްބަރު ކަމަށް ކުރިމަތިލެވޭނީ 15،000ރ. އިން

ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާން ދައްކަން ޖެހޭ އިދާރީ ފީ ބޮޑުކުރަން މަޖިލިސް އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ކޮމެޓީން ފާސްކޮށްފި އެވެ.

މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން އެ އިޞްލާޙު ފާސްކުރީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ހުށަހެޅުއްވި އިޞްލާޙުގައި ބުނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުން ޑިޕޮސިޓް ފައިސާގެ ގޮތުގައި 15،000ރ. ދައްކަން ޖެހޭނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައި ވާގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ޑިޕޮސިޓްގެ ފައިސާގެ ޢަދަދަކީ 5000ރ. އެވެ.

އަންނަ އަހަރަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ އަހަރެކެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާން ދައްކަންޖެހޭ ފީ ބޮޑު ކުރި އިރު ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ އިދާރީ ފީ ވެސް ބޮޑު ކުރަން ވަނީ ނިންމައިފަ އެވެ.

އެގޮތުން ރިޔާސީ އިންތިޚާބަށް ދައްކަން ޖެހެނީ 100،000ރ. އެވެ.