ލަނޑާ ނަގަން އުޅެނިކޮށް ކަރަށް ތޮޅިއެއް ހެރި ޒުވާނަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޮޅިއެއް ހެރި މަރުވެފައިވަނީ ނ.މާޅެންދޫ، ކުންނާރުގެ އަހުމަދު ހަލީމު (29އ) އެވެ. ހަލީމު މަރުވެފައިވަނީ ފަރުވާ ދިނުމަށް އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އަވަސް ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި ހަބަރާއި ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިއަހަރު އެޕްރީލް މަހު ހދ. ކޭލަކުނު ކައިރީ ލަނޑާ ނެގުމުގެ މަސައްކަތުގައި ހަރަކާތެރިވި ޒުވާނެއްގެ މެޔަށް ވެސް ވަނީ ފަރުތޮޅިއެއް ހެރިފައެވެ. އެޒުވާނާގެ ހާލު ސީރިއަސް ވުމާެއި ގުޅިގެން އެމްއެންޑީއެފްގެ އުޅނަދެއްގައި އެޒުވާނާ ނަގައި ވަނީ އަވަސް ފަރުވާ ދީފައެވެ.
ފަރުތޮޅިއަކީ ތުންދިގު، ގިނަ އަދަދެއްގެ ދަތް ހުންނަ ހިމަދިގު މަހެކެވެ، އާއްމުގޮތެއްގައި ގަދަ އަލިތަކަށް މިމަސް ފުމެ ހަދާއިރު ފަރުމަހުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އެކި ފަހަރުމަތިން ފަރުތޮޅީގެ ހަމަލާ އަމާޒުވެފައިވެއެވެ.