ޑިގްރީ ނެތް ނަމަވެސް ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭ ގޮތް ހޯމް މިނިސްޓްރީ އިން ހަދައިފިއެވެ.
ހޯމް މިނިސްޓްރީ އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގެނައި އިސްލާޙްގައި އޮންނަ ގޮތުން ނޫސް ނުވަތަ މަޖައްލާގެ އެޑިޓަރުންގެ ޝަރުތުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ޝާއިއުކުރާ ނޫހެއްގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.
އެހެންނަމަވެސް ހޯމް މިނިސްޓްރީ އިން މިއަދު ވަނީ ޑިގްރީއެއް ނެތަސް އެޑިޓަރުކަން ކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށް، ގެޒެޓުކޮށްފަ އެވެ. މިހާރު ޤަވާއިދަށް ގެނައި އިސްލާޙްގައި ބުނެފައި ވަނީ އެޑިޓަރަކީ ނޫސްވެރިކަމުގެ ދައިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން ހަތް އަހަރު ދުވަސް މަސައްކަތްކޮށްފައިވާ މީހަކަށް ވާން ޖެހޭނެ އެވެ.
ހޯމް މިނިސްޓްރީ އިން ފެބްރުއަރީ މަހުގެ ތެރޭގައި މި ޤަވާއިދަށް ގެނައި ބަދަލާއި ގުޅޭގޮތުން ނޫސްވެރިން ވަނީ ކަންބޮޑުކަން ފާޅުކޮށްފަ އެވެ.