Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

"ނުކުޅެދޭ މީހުންގެ ވޯޓް ހުއްދަ ދޭ މީހަކަށް ލެވޭނެ"

ނުކުޅެދުންތެރިކަން ހުންނަ މީހާގެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް އެހެން މީހެއްގެ އެހީތެރިކަން ހޯދިދާނެކަމަށާއި، އެފަދަ މީހަކަށް ވޯޓު ލައިދޭނީ އިލެކްޝަނުން ހުއްދަދޭ މީހެއްކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކަމިޝަނުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހާނީ އިލެކްޝަން އޮފިޝަލެއް ނޫންކަމަށާއި، އެފަދަ މީހެއްގެ ވޯޓުލައިދޭނީ އާއިލާގެ ފަރާތުން އީސީން ހުއްދަ ދޭ މީހެއްކަމަށެވެ.

ޝަރީފު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަކީ ނުކުޅެދުންތެރިކަން ހުންނ ފަރާތެއްކަމަށް އިލެކްޝަނުން ގަބޫލް ނުކުރާކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް ބަލަނީ އެމީހެއްގެ ޖިސްމާނީ ނުކުޅެދުންތެރިކަމަށް ބަލައިގެންކަމަށެވެ. އެގޮތުން ލޯފަން މީހުންނާއި، ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ދެ އަތް ބޭނުން ނުކުރެވޭ ފަރާތްތަކަށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް އެެހީތެރިއަކަށް އެެދެވިދާނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ގަވާއިދު މިއަދު ގެޒެޓުކޮށްފައިވާ އިރު ގަވައިދުގައި ބުނެފައިވާ ގޮތުން ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިންގެންވާ މީހަކު ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި ވޯޓު ފޮށީގެ ވެރިޔާގެ ހުއްދައާއިއެކު އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެކެވެ.

އެކަމުގައި އޭނާއަށް އެހީތެރިވެދިން މީހެއްގެ ނަމާއި އެޑްރެސް އައި އައިޑީކާޑު ނަންބަރު ވޯޓު ނެގުމުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުން ލިޔަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.