ޖުޑިޝަލް ސާވިސް ކަމިޝަންގެ ނައިބް ރައީސް މުހައްމަދު ފައިސަލް އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކަމިޝަނު (ޖޭއެސްސީ)ން މިއަދު ފާސްކޮށްފިއެވެ.
ޖޭއެސްސީން ފައިސަލް އާއި ޝަހީދު ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ފާސްކުރީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގެ އިއްތިފާގުންނެެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން މިއަދު ފާސްކުރި ފައިސަލް އަކީ ކުރިން ރައީސް އަބްދުﷲ ޔާމީން އާއި އެކު ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅެކެވެ. ޖޭއެސްސީގެ ނައިބް ރައީސްގެ މަގާމުގައި ފައިސަލް ހުންނެވީ ރައީސުލް ޖުމްހުރިއްޔާ ޖޭއެސްސީއަށް އައްޔަން ކުރައްވާ މެމްބަރުގެ ގޮތުގައެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ނިންމި ހުސެއިން ޝަހީދަކީ ކުރިން ފޭދޫ އަދި ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި ބޭފުޅެކެވެ.
ހައިކޯޓުން ހުސްވެފައިވާ ހަތަރު ފަނޑިޔާރުންގެ މަގާމަށް ބައެއް ކޯޓުތަކުގެ ގާޒީންގެ އިތުރުން އެސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދު އާއި އެކު ޖުމްލަ 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.
ހައިކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 54،000 ރުފިޔާ ލިބެއެވެ.