އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަން ޑޮޮލަރު ގުނީ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި ދެއްކެވި ވާހަކަތައް ތަހްގީގު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީން މިއަދު ފުލުހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމިނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިއަދު ހާމަކުރެއްވި ވާހަކަފުޅުތަކާ ގުޅިގެން، ރައީސް ޢަބްދުﷲ ޔާމިނު ދިރުއުޅުއްވާ ތަންތަނާއި، އެމަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް، ސީރިއަސް ކަމާއެކު އެ މައްސަލައިގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ވަގުތުން ހިންގައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޢަބްދުﷲ ޔާމިނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ހާމަކުރެއްވި ވާހަކައިގެ ތެރޭގައި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) ގެ ޚިޔާނާތުގެ 80 މިލިއަން އެމެރިކާ ޑޮލަރ، ރައީސް ޢަބްދުﷲ ޔާމިނުގެ އަމިއްލަ ގެކޮޅު ކަމުގައިވާ ގ.ދޫވެއްސަށް ވައްދައި އެ ފައިސާ ގުނާފައިވާކަމަށާއި، އަދި ފައިސާ ގުނުމަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއެއް އެގޭގައި ހުންނަ ކަމަށާއި، އަދި އެފައިސާގެ ތެރެއިން 1 މިލއަން އެމެރިކާ ޑޮލަރ ރައީސް ޢަބްދުﷲ ޔާމިނުގެ އަމިއްލަފުޅު އެކައުންޓަށް ވެސް ޖަމާކުރައްވާފައިވާކަމަށް ހާމަކުރައްވާފައިވެއެވެ. އަދި މިވާހަކަތައް ނުދެއްކެވުމަށް ރައީސް ޢަބްދުﷲ ޔާމިނު، އަޙްމަދު އަދީބުގެ އަރިހުން އެދިވަޑައިގެންފައިވާކަމަށް ވެސް މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު އަދީބު ހާމަކުރެއްވިއެވެ.
މިދެންނެވި ވާހަކަތައް ރައީސް ޢަބްދުﷲ ޔާމިނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިއަދު ހާމަކުރައްވާފައިވާތީއާއި، އަދި ރައީސް ޢަބްދުﷲ ޔާމިނުގެ އަމިއްލަފުލު އިޢުތިރާފު ލިބިފައިވާ ކަންކަން ހުރުމާއެކު، އެމް.ޑީ.ޕީ. އިން މިއަދު ފުލުސް އޮފީހަށް ހުށަހެޅި މައްސަލައިގައި އެދިފައިވާގޮތަށް ރައީސް ޢަބްދުﷲ ޔާމިނު ދިރުއުޅުއްވާ ތަންތަނާއި، އެމަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް، ސީރިއަސް ކަމާއެކު އެ މައްސަލައިގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ވަގުތުން ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން މޯލްޑިވްސް ޕޮލިސް ސަރވިސަށް ވަނީ ގޮވާލަމެވެ.
މިކަމާއި ގުޅިގެން އަދި ފުލުހުން އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ.