ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާ ދެކޮޅަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.
އެންމެ ފަހަކަށް މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓަށް ތާވަލު ކުރީ ނިމިގެން ދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުގައެވެ. ނަމަވެސް އެދުވަހުވެސް ކޯޓުން ވަނީ ޝަރީއަތް، ސަބަބެއް އެންގުމެއް ނެތި ކެންސަލް ކޮށްފައެވެ.
ރައީސް މައުމޫނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު އެމަނިކުފާނު ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދައި، ފޯނު ނުދިނުމުގެ ސަބަބުން އެއް އަހަރާއި 7 މަހަށް ޖަލަށް ލާފައެވެ.
ރައީސް މައުމޫން އުމުރުފުޅުން ދުވަސްވެފައިވަނިކޮށް ހައްޔަރުކޮށް ޖަލުގައި ބޭންދުމަކީ މިސަރުކާރުން އެމަނިކުފާނަށް ދޭ އަނިޔާއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.