ދަރިފުޅުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ރަސްމީ ގޮތެއްގައި ރަނިންމޭޓް ފައިސަލް ނަސީމާއެކު ރިޔާސީ ކެމްޕޭން ރާއްޖޭގެ އެންމެ ދެކުނުން، އައްޑޫ ސިޓީއިން ފެއްޓެވުމަށް ފަހު އިބޫ ވަނީ ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންފައެވެ.
ބޭރަށް ވަޑައިގެން ދަރިފުޅުގެ ގްރެޖުއޭޝަނުގައި ބައިވެރިވުމުގެ އިތުރުން އިބޫ ވަނީ ވިލާތުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި އިދިކޮޅު ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.
މިބައްދަލުވުންތަކުގެ ތަފްސީލެއް އިއްތިހާދުން ހާމަކޮށްފައި ނުވި ނަމަވެސް އިއްޔެ އިއްތިހާދުން ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނެފައިވަނީ އިއްތިހާދުގެ ގުޅުން ވަރަށް ބަދަހި ކަމަށާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެބޭފުޅުންނާ ގުޅޭ ގޮތުން ފަތުރަމުންދަނީ ބުހުތާން ދޮގު ކަމަށެވެ.