Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

"ވޯޓް ފޮށި ބަހައްޓަން ދެކޮޅު ރިސޯޓްތަކަށް ފިޔަވަޅު އަޅާ"

ވޯޓު ފޮށިތައް ބެހެއްޓުމަށް ދެކޮޅު ހަދާ ރިސޯޓުތައް އިއުލާން ކުރުމަށް ފަހު އެ ރިސޯޓުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް، ހުސްނުއް ސުއޫދު ގޮވާލައިފިއެވެ.

ސުއޫދު މިގޮތަށް ގޮވާލާފައިވަނީ ބައެއް ރިސޯޓުތަކުން ވޯޓު ފޮށިތައް ބެހެއްޓުމަށް ދެކޮޅު ހަދާފައިވާކަން އީސީން ހާމަކުރުމާއި ގުޅިގެން، މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ސުއޫދު ގޮވާލާފައިވަނީ ވޯޓު ލުމުން އެރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒިފުން މަހްރޫމް ކުރުމަށް މަސައްކަތް ކުރާ ރިސޯޓުތައް ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެރިސޯޓުތަކުގައި މަސައްކަތް ކުރުން ވެސް ހުއްޓުވަން ޖެހޭ ކަމަށް ސުއޫދު ބުނެފައިވެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިއުލާން ކުރީ ވޯޓު ލެވޭނީ އެންމެ 7 ރިސޯޓެއްގައި ކަމަށެވެ. ވަރަށް ގިނަ ބޭފުޅުން މިކަމާ ދެކޮޅަށް އަޑުއުފުލުމާއެކު އީސީން ވަނީ 100 މީހުނަށް ވުރެ ގިނަ މީހުން މަސައްކަތް ކުރާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަން އިއުލާން ކޮށްފައެވެ.

ނަމަވެސް އީސީން އިތުރަށް ބުނެފައިވާ ގޮތުގައި ގިނަ ރިސޯޓުތަކުން ވޯޓު ފޮށި އެ ރިސޯޓުގައި ބަހައްޓައިގެން ވޯޓުލާން ދެކޮޅެވެ. މީގެ ކުރިން ބޭއްވި ދެ ރިޔާސީ އިންތިޚާބުގައި ވެސް މިފަދަ ކަމެއް ހިނގާފައިނުވާކަން ފާހަގަކޮށްލެވެއެވެ.