ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ރަސްމީކޮށް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ޝަރުތު ހަމަވާ މީހުންނަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ޕީޕީއެމް-އެމްޑީއޭ ކޯލީޝަންގެ ފަރާތުން މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު އިއްތިހާދުން އިބްރާހިމް މުހައްމަދު ސޯލިހް އަދި އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ރައީސް ޔާމީންގެ ރަނިންމެޓަކަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރައްވާފައި ވާއިރު އިބޫގެ ރަނިންމޭޓަކަށް ނިކުމެފަ ވަނީ ޖޭޕީގެ ފަރާތުން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.
އުމަރު ނަސީރު އަދި ރަނިންމޭޓަކު އިއުލާނެއް ނުކުރައްވަ އެވެ.