Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީޕިކާގެ ސްޓެޗޫ ވެސް މެޑަމް ޓްސޯޑްސް އަށް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ވެކްސް ސްޓެޗޫ ވެސް ލަންޑަންގެ މެޑަމް ޓްސޯޑްސްގައި ބަހައްޓަން ނިންމައިފި އެވެ.

ފޭނުންނާ އެކު ދީޕިކާ، 32، ކުރިއަށް ގެންދިޔަ ފޭސްބުކް ލައިވް ސެޝަނެއްގައި އޭނާ ވަނީ އެކަން ހިއްސާކޮށްފަ އެވެ. ދީޕިކާ ބުނި ގޮތުގައި އޭނާގެ ސްޓެޗޫ މެޑަމް ޓްސޯޑްގައި ބަހައްޓާ އިރު، ބޭނުން ވަނީ އިންޑިއާވަންތަކޮށް އޭތި ހުންނާށެވެ.

އެހެންވެ ސްޓެޗޫގެ ހެދުމާއި ބޮލުގެ އިސްތަށިގަނޑާއި ބޭނުން ކުރާ ގަހަނާއަކީ ވެސް އިންޑިއާ ރަމްޒުކޮށްދޭ ސްޓައިލްގެ އެއްޗެހިތަކަކަށް ވާނެ ކަމަށް ބުންޏެވެ.

މެޑަމް ޓްސޯޑްސްގައި މިހާރު ވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ސްޓެޗޫ އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޝާހްރުކް ހާން، އަމީތާބް ބައްޗަން، އައިޝްވާރިޔާ ރާއީ ސަލްމާން ހާން، ރިތިކް ރޯޝަން، މަދޫރީ ޑިކްސިޓް، ކަރީނާ ކަޕޫރް އަދި ކެޓްރީނާ ކެއިފް ހިމެނެ އެވެ.

މި ވަގުތު އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކޮށް ހުރި ދީޕިކާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި "ޕަދްމާވަތު" އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދީޕިކާ އާއި ރަންވީރް ސިންގް އަންނަނީ އަންނަ ނޮވެމްބަރު މަހު ކައިވެނި ކުރަން ތައްޔާރުވަމުންނެވެ.