Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އިންތިޚާބު އިންސާފުވެރިއެއް ނުވާނެ: އިބޫ

މި އަހަރުގެ ރިޔާސީ އިންތިޚާބު އިންސާފުވެރިވާނެ ކަމަށް އަދިވެސް ޤަބޫލުނުކުރައްވާ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ އިނގިރޭސިވިލާތަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އިބޫ ވިދާޅުވީ ގިނަ ރިިސޯޓުތަކެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގައި އީސީގެ އޮފިޝަލުން އެހީ ވާ ގޮތަށް ހަމަޖެއްސުމަކީ ގިނަ ބައެއްގެ ވޯޓުލުމުގެ ޙައްޤަށް އަރައިގަތުމަށް ރޭވި ކަންކަން ކަމަށެވެ.

އިބޫ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެ ފަދަ ގިނަ ކަންކަން ފެންނާނެ ކަމަށާއި އެހެންކަމުން އިންތިޚާބު އިންސާފުވެރިވާނެ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިމަތިލަނީ އަނިޔާވެރިކަމާއި ވައްކަމާއި ފަސާދައާ ކަމަށެވެ. އެހެންކަމުން އެކަންތައްތަކުން ޤައުމު ސަލާމަތް ކުރުމަށް ކަމަށާއި އެ ކަމުގައި އުނދަގޫ ކަންކަމާ ވެސް ކުރިމަތިވާނެ ކަމަށެވެ. އެހެންނަމަވެސް، އިދިކޮޅު ފަރާތްތަކުން އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

ފަސް ދުވަހުގެ ދަތުރަކަށް ފަހު އިބޫ މާލެ ވަޑައިގަތުމާއެކު، ކެމްޕޭން ހަރަކާތްތަކުގައި އަނެއްކާ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.