ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރުމަށް ވޯޓަށް އެހުމަށް ތައްޔާރުވުމަށްފަހު، މި ދެ ބިލަށް ވޯޓަށް އަހައި ފާސްވާ މިންވަރަށް މަޖިލީހުގައި މެމްބަރުން ހާޒިރުވެފައި ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި އެވެ.
ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ މަޖިލީހުގެ ރުހުމަކާއި ނުލައި ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ މަޖިލީހަށް ކުރިމަތިލާ މީހަކު ދައްކަންޖެހޭ އިދާރީ ފީ 15،000 ރުފިޔާއަށް ބޮޑުކުރުމަށެވެ.
މަޖިލީހުގެ މިއަދުގެ މެންދުރުފަހުގެ ދަންފަޅީގައި މި އިސްލާހުތަކަށް ވޯޓަށް ނާހަން ރިޔާސަތުން ނިންމެވިއިރު، ޖަލްސާގެ ހެނދުނުގެ ދަންފަޅި ނިންމާލުމުގެ ކުރިން ރިޔާސަތުން ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މަސީހް އެހެން ވިދާޅުވި އިރު، ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ހަމައެކަނި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންނެވެ. ޖަލްސާތަކުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެހެންނަމަވެސް މަސީހު ގެންދަވަނީ މިފަހަކަށް އައިސް މަޖިލީހުގައި އިދިކޮޅު މެމްބަރުންނާއި ނުލައި، ވެެރިކަން ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން މަޖިލީހަށް ހުށަހަޅާ ބިލްތަކަށް ވޯޓަށް އަހަމުންނެވެ.
އަދި މިފަދަ ބައެއް ބިލްތަކަށް ވޯޓަށް އަހާ ފާސްކުރަނީ ޤާނޫނު އަސާސީއާ ހިލާފަށް ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.