Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ވޯޓާސް ލިސްޓްގައި ފޮޓޯ ޖަހަން މަޖުބޫރުކޮށްފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާ މަރުކަޒުގައި ބޭނުން ކުރާ ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހަން ކެހޭނެ ކަމަށް ކަނޑައަޅައިފި އެވެ.

ރިޔާސީ އިންތިޚާބުގެ ޤަވާއިދު ގެޒެޓްކޮށްފައިވާ އިރު، އެ ޤަވާއިދުގައި ބުނެފައިވަނީ ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަން ވާނެ ކަމަށެވެ.

އަދި އެ ލިސްޓުގައި ހިމެނޭ ހުރިހާ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީޚާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ފޮޓޯ އެނގެން އޮންނަންވާނެ ކަމަށް ވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހަން ޖެހޭނެ ކަމަށް ރިޔާސީ އިންތިޚާބުގެ ޤަވާއިދުގައި ބުނެފައިވާ އިރު އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ވޯޓާސް ލިސްޓުގައި ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފޮޓޯ ނުހިމަނާނެ ކަމަށެވެ.