މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުން ކުރާ ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހަން ޖެހޭ ގޮތަށް ރިޔާސީ އިންތިޚާބުގެ ޤަވާއިދު ގެޒެޓް ކުރެވުނީ އޮޅުމަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިއްޔެ ގެޒެޓްކުރި ރިޔާސީ އިންތިޚާބުގެ ޤަވާއިދުގައި ބުނެފައިވަނީ ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަން ވާނެ ކަމަށެވެ.
އަދި އެ ލިސްޓުގައި ހިމެނޭ ހުރިހާ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީޚާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ފޮޓޯ އެނގެން އޮންނަންވާނެ ކަމަށް ވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ވޯޓާސް ލިސްޓުގައި ފޮޓޯ ހިމަނަންޖެހޭ ކަމަށް ޤަވާއިދުގައި ލިޔެވިފައިވަނީ އޮޅަމަކުން ކަމަށެވެ. އަދި އެއީ އެ ކޮމިޝަންގެ ފަރާތުން ޖެހުނު މައްސަލައެއް ނޫން ކަމަށާއި އެއީ ގެޒެޓް ކުރުމުގައި ޖެހުނު ކުށެއް ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ އެ މައްސަލަ ރަނގަޅު ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓާސް ލިސްޓުގައި ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފޮޓޯ ނުހިމަނާ ގޮތަށެވެ.
އެކަމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ ކުރިން އިލެކްޝަނުން ބާއްވާފައިވާ އިންތިހާބުތަކުގައި ބޭނުންކޮސްފައިވަނީ ފޮޓޯ ޖެހި ވޯޓާސް ލިސްޓެެވެ.