ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން އިދިކޮޅު ޕާޓީތަކުން ނިންމައިފި އެވެ.
މިއަދު އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރީ-ރަޖިސްޓްރޭޝަން ކުރުމަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަޖުބޫރު ކުރަމުން ދާ ކަމަށެވެ. އަދި ސިވިލް ސާވަންޓުން ލައްވާ އެ މަސައްކަތް ކުރުވަނީ ޝަމީމް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށްވެސް ނިޔާޒު ތުހުމަތުކުރެއްވި އެވެ.
ނިޔާޒު ވިދާޅުވީ މުވައްޒަފުންނަށް ވަކި ފޮށްޓަކަށް ވޯޓުލާން މަޖުބޫރެއް ނުކުރެވޭނެ ކަމަށާއި އެކަމުގެ ޒިންމާ ޝަމީމް ނަންގަވަން ޖެހޭނެ ކަމަށެވެ.
އޭސީސީގެ އިތުރުން ކަމާ ބެހޭ އެހެން އިދާރާތަކަށް ވެސް ޝަމީމްގެ މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
ސިވިލް ސާވެންޓުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ވަކި ފޮށްޓަކަށް ރީ ރަޖިސްޓްރީވާން އެތަންތަނުގެ ވެރިން މަޖުބޫރު ކުރަމުންދާ ކަމަށާއި އެ ކުންފުނިތަކުގެ ވެރިންގެ ލިސްޓެއް އެބަ އޮތް ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުގެ މައްސަލަތައް ވެސް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން އެކަމަށްޓަކައި ރަޖިސްޓްރީ ކުރަން އިލެކްޝަންސް އިން މިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ.