ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމެނޭ މައުލޫމާތު ބަދަލުވުމުން އަލުން އައިޑީކާޑު ހައްދައި ދިނުން ވަގުތީ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މެދުކަނޑާލައިފިއެވެ.
ޑީއެންއާރް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާތީ މި ހިނގާ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މަޢުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހަދައިދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.
ޑީއެންއާރް އިން ބުނީ އެގޮތަށް ނިންމަންޖެހުނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށެވެ.
އެހެންނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު ކުރިޔެކޭވެސް އެއްފަދައިން މަޢުލޫމާތު ބަދަކޮށް އައިޑީ ކާޑު ހަދައިދެމުން ދާނެ ކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެއެވެ.
މައުލޫމާތު ބަދަލުވުމުން އައިޑީކާޑް ހެއްދުން ހުއްޓާލިކަން ހޯމަދުވަހު ޑީއެންއާރް އިން ހާމަކުރިި އިރު އިއްޔެ ޑީއެންއާރް އިން ބުނީ، ދަފްތަރުގައި ޖެހުމަށް ފަހު، އައިޑީ ކާޑްގައިވާ މައުލޫމާތު ބަދަލުކޮށްގެން ވޯޓްލުމުގެ ފުރުސަތު ގެއްލިއްޖެ ނަމަ އެކަމުގެ ޒިންމާ ނުނަގާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ، ދަފްތަރުގައި ޖެހުނު ނަމަވެސް، ރިޔާސީ އިންތިހާބުގެ ކުރިން އާ އައިޑީކާޑް ހައްދަން ނުޖެހޭނެ ކަމަށެވެ. އަދި އަލަށް ދަފްތަރުގައި ޖެހޭ ފަރާތްތަކަށް މިނިސްޓްރީ އިން ދޭ ސްލިޕެއް މެދުވެރިކޮށް ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމް ލެވޭނެ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
ވޯޓާޒް ލިސްޓް ފައިނަލް ކުރުމަށް ފަހު ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.