Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އިންތިޚާބު އޮބްޒާވް ކުރަން ފުރުސަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން - ފޮޓޯ: ރާއްޖެއެމްވީ

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިންތިޚާބުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

އީސީ އިން ބުނީ އިންތިޚާބު އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހަކުކަމުގައި ނުވުން.
3. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަ ގޮތުން ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
4. ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

އީސީ އިން ބުނީ އިންތިޚާބު އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށެވެ.

އަދި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ މާލެއިންނަމަ، އިލެކްޝަންސް ކޮމިޝަނަށް، އަދި އަތޮޅުތަކުންނަމަ، އެއަތޮޅެއްގައި ޤާއިމްކުރެވިފައިވާ ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓު ނުވަތަ އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓަށް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އިލެކްޝަންސް އިން ބުނީ ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާ ޖަމާއަތްތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ޕާޓީން ނުވަތަ އެ ޖަމްޢިއްޔާއަކުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އެ ކޮމިޝަނަށް ސިޓީއަކާއިއެކު ހުށަހަޅަންވާނެ ކަމަށެވެ.

އަދި އޮބްޒާވް ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ލިސްޓުގެ ހާޑު ކޮޕީ އަކާއި އެކްސް.އެލް ފޯމެޓްގައި ސޮފްޓް ކޮފީއެއް ސީޑީގައި (ފުރިހަމަ ނަން (އިނގިރޭސި އަދި ދިވެހި ބަހުން)، ދާއިމީ އެޑްރެސް، އައި.ޑީ ކާޑު ނަންބަރ، ގުޅޭނެ ފޯނު ނަންބަރ، ޕާސްޕޯޓު ފޮޓޯ (JPEG ފޯމެޓުގައި) ) ވެސް އެ ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

އީސީ އިން ބުނީ އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފޯމުތައް މުއްދަތު ހަމަވުމުގެ ކުރިން، ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހެޅިދާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އެ އިއުލާނުގައި ވާ ގޮތުން އޮބްޒާވަރުންގެ ފޯމް ބަލައިގަންނާނީ މިއަދުން ފެށިގެން އޮގަސްޓް 14 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ހަވީރު 15:00 އަށެވެ.

އިލެކްޝަންސް އިން ބުނީ ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 (ދިހައެއް) އިންސައްތަ އިތުރުނުވާ ގޮތަށް ކަމަށެވެ.

މި އިންތިޚާބަށް ކާޑު ދޫކުރުމަށްފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ކާޑެއް ހަދައި ދެވޭނީ -/95 (ނުވަދިހަފަސް) ރުފިޔާގެ ޖޫރިމަނާއެއް އެ ކާޑަކަށް ނެގުމަށްފަހު ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.