Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ވިއްސާރާގައި ހިތަދޫގެ 5 ގެއަކަށް ގެއްލުންވެއްޖެ

އައްޑޫއަށް މިހާރުޔ ކުރަމުންދާ ވިއްސާރާގައި ފެންވަދެފައިވާ ގެއެއް، ފޮޓޯ: ހައުސިން އައްޑޫ ޑިޕާޓްމަންޓު

އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހިތަދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ 5 ގެއަަކަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެއެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އަމަން އަލީ (ޓޮމް) ވިދާޅުވީ ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 5 ގެއަކަށް ފެން ވަނުމާއި ގުޅިގެން ހައުސިން މިނިސްޓްރީގެ މުވައްޒަފުންނާއި އާއްމުން ގުޅިގެން އެގެތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އައްޑޫއަށް މިހާރުޔ ކުރަމުންދާ ވިއްސާރާގައި ފެންވަދެފައިވާ ގެއެއް، ފޮޓޯ: ހައުސިން އައްޑޫ ޑިޕާޓްމަންޓު

އެގޮތުން ފެން ވަދެގެން ހައުސިން މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ގެތަކަށް ފެން އިތުރަށް ނުވަންނާނެހެން ވެލި ބަސްތާ ޖަހާދީފައިވާ ކަމަށެވެ.

ޓޮމް ވިދާޅުވީ ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެން ހެދިފައިވަނީ، ރަށުގެ އެކި ހިސާބުތަކުގައި ފެން ބޭރުކުރުމަށް ހަދާފައިވާ ކާނުތައް ބެދިފައި ހުރެގެން ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ހިތަދޫ މެދު ދާއިރާގައެވެ.

ހިތަދޫ މެދު ދާއިރާގައި ހުންނަ ފެނަކަ ކޯޕަރޭޝަން އޮފީސް ކައިރީ ބަހައްޓާފައިވާ ކާނު ބެދިފައި ހުރުމުގެ ސަބަބުން މުޅި ހިސާބުގަނޑުގައި ވަނީ ފެން ބޮޑުވެފައެވެ.

ހައުސިންގެ މުުވައްޒަފުން ވަނީ މިއަދު އެގޮތަށް ބެދިފައިވާ ކާނުތައް ސާފުކޮށްފައެވެ.

އައްޑޫއަށް ކުރަމުންދާ ވިއްސާރާގައި އެހެން ރަށްތަކުގައިވެސް ވަނީ ފެންބޮޑުވެފައެވެ. ނަމަވެސް ހިތަދޫގެ 5 ގެ ފިޔަވައި އެހެން އެއްވެސް ރަށެއްގެ ގެއަކަށް ފެންވަދެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް ޓޮމް ވިދާޅުވިއެވެ.