ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބޭއްވި އިންތިޚާބު އަލުން ބޭއްވުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފިކަމަށް މޫސާ އަންވަރު ބުނެފި އެވެ.
މޫސަ މިހެން ބުނެފައި ވަނީ މިއަދު ކުރި ޓްވީޓެއްގަ އެވެ.
Bro @Ahmed_Adeeb ge request aai ehgothah Qaumee maslahathu iskoh JP running mate inthikhaab aai gulhey gothun Moosa ge faraathun Civil Court ah hushahelhi massala ithurah kuriah nugendhan ninmaifin. Adhi @ibusolih aai @FaisalNasym ah thaeedhu kuran ninmaifin. #IbuFaisal2018 pic.twitter.com/4r44ynvzYs
— Moosa Anwar 🇲🇻 (@moosaanvar) July 24, 2018
އެ ޓްވީޓްގައި އޭނާ ބުނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ އެދިވަޑައިގަތުމާއި އެއްގޮތަށް ޤައުމީ މަސްލަޙަތު އިސްކޮށް ޖޭޕީގެ ރަނިން މޭޓް އިންތިޚާބާއި ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.
އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ އާއި ރަނިން މޭޓް ފައިސަލް އަށް ތާޢީދުކުރަން ނިންމާފައިވާ ކަމަށްވެސް މޫސަގެ ޓްވީޓްގައި ވެއެވެ.
އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެޤައުމުގައި ދިރިއުޅެމުންދާ މޫސާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ރަނިންމޭޓަކު ހޮވުމަށް ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓުގައި ފައިސަލް ނަސީމާ އެންމެ ގާތުން ވާދަކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާ ދެ ބޭފުޅުންނަށް އެއް އަދަދަކަށް ވޯޓު ލިބިފައިވާ ކަމަށް ކަނޑައަޅައި، އެ ދެ ބޭފުޅުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމުގެ އަމުރަކަށް އެދި އެވެ.
ރަނިންމޭޓަކަށް ފައިސަލް ހޮވުނީ 15 ވޯޓުންނެވެ. އަލީ ހުސެއިންއަށް ލިބިލެއްވީ 14 ވޯޓެވެ.
މިކަމާއި ގުޅޭގޮތުން އަލީ ހުސެއިން ވިދާޅުވީ އެ އިންތިޚާބު ބޭއްވީ ރަނގަޅަށް ކަމަށާއި އަލުން އިންތިޚާބު ބާއްވަން ބޭނުން ނުވާ ކަމަށެވެ.
ރަނިންމޭޓް ކަމަށް ފައިސަލް އާއި އަލީ ހުސައިންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިިނިސްޓަރު އަބްދުﷲ އަމީނާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ވާދަ ކުރެއްވި އެވެ.