ވޯޓާސް ލިސްޓްގައި ފޮޓޯ ޖަހާ ގޮތަށް މަޖުބޫރުކޮށް ރިޔާސީ އިންތިޚާބުގެ ޤަވާއިދު ގެޒެޓްކުރުމަށްފަހު، އެ ލިސްޓްގައި ފޮޓޯ ނުޖަހާ ގޮތަށް ޤަވާއިދު އިސްލާޙްކޮށް ފަހުން ގެޒެޓްކުރީ ރައީސް އަބްދުﷲ ޔާމީން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މައްޗަށް ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ވޯޓާސް ލިސްޓްގައި ފޮޓޯ ޖަހާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ޤަވާއިދު ގެޒެޓްކުރީ ގިނަ ރައްޔިތުން އެދެނީ އެގޮތަށް ކަމަށް ކޮމިޝަނުން ވެސް ގަބޫލުކުރާތީ ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަކީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި އުޅުއްވި ބޭފުޅަކަށް ވާ އިރު އިލެކްޝަންސްގެ ނިންމުން ފަހުން ބަދަލުކުރަން ޖެހުނީ ސިޔާސީ ނުފޫޒެއްގެ ސަބަބުން ކަމަށެވެ.
މާރިޔާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންނަކީ މިނިވަންކަމާއެކު މަަސައްކަތް ކުރައްވާ ބޭފުޅުން ނޫން ކަމަށެވެ.
މާރިޔާ އިތުރަށް ވިދާޅުވީ އީސީ އަށް ނުފޫޒް ފޯރުވައިގެން އިންތިޚާބުގެ ކަންތައްތައް ވަކި ގޮތަކަށް ކުރިއަށް ގެންދަން އުޅުނު ކަމުގައިވިޔަސް، މި ސަރުކާރުން ބޭނުންވާހާ ގޮތަކަށް އަބަދު ހުރިހާ ކަމެއް ނުހިނގާނެ ކަމަށެވެ.
ރިސޯޓްތަކުގެ މުވައްޒަފުންނަށް ވެސް ވޯޓްލުމުގެ ޙައްޤު ކަށަވަރުވެގެންދިޔައީ އިދިކޮޅު ކޯލިޝަނުން ކުރި މަސައްކަތުންކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ޕާޓީ ތަކުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާ ނުލާ ކުރިއަށް ގެންދަވާނެ ކަމަށެވެ.