Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ހައި އެޗީވާސް ސްކޮލާޝިޕަށް އަލުން ހުޅުވާލައިފި

އޭ ލެވެލް ޓޮޕް އެޗީވާސް އެވޯޑް 2018 ގެ ތެރެއިން - ފޮޓޯ: ފަޔާޒް މޫސާ (ސަން)

މަތީ ސާނަވީ އިމްތިހާނުގެ ފަސް މާއްދާއިން "އޭ" ފާސް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދޭ ހައި އެޗީވާސް ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން (ޑީއެޗްއީ) އިން ހުޅުވާލައިފި އެވެ.

ހައި އެޗީވާށް ސްކޮލާޝިޕަށް މެއި މަހުގެ ތެރޭގައި ހުޅުވާލި ފުރުސަތުގައި ސްކޮލާޝިޕަށް އެދި ފޯމް ހުށަހެޅީ 36 ދަރިވަރުންނެވެ.

ޑީއެޗްއީގެ އިސްވެރިޔާ އަދި ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ނަޒީރު ވިދާޅުވީ، އެންމެ މަތިން އޭ ލެވެލްގައި މާކްސް ހޯދައިގެން ކްރައިޓީރިއާއަށް ޝަރުތު ހަމަވާ ދަރިވަރުންގެ ގޮތުގައި 46 ކުދިން ހިމެނޭ އިރު، ސްކޮލާޝިޕަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ކުރިމަތި ލާފައިވަނީ 36 ކުދިން ކަމަށެވެ.

އަދި ބާކީ ތިބި 10 ކުދިންނަށް އެ މުއްދަތުގެ ތެރޭގައި ސްކޮލާޝިޕަށް ނުލެވުނީ، ރާއްޖެއިން ބޭރުގައި ތިބުމާއެކު ސްކޮލާޝިޕަށް ހުޅުވާލިކަމުގެ މައުލޫމާތު އެނގިފައި ނެތުމުން ކަމަށް އެ ދަރިވަރުން އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު އަންގާފައިވާތީ، އަލުން އެ ފުރުސަތު ހުޅުވާލަނީ އެ ކުދިންނަށް ވެސް ސްކޮލާޝިޕަށް ލެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ޑރ ނަޒީރް ވިދާޅުވި އެވެ.

ޝަރުތު ހަމަވާ ދަރިވަރުން މި ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.

މި ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމާއި އުޞޫލު މިޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބޭނެ ކަމަށާއި އިތުރު މަޢުލޫމާތު އެ ޑިޕާޓްމަންޓުގެ ނަންބަރު 3341373 އިން ލިބޭނެ ކަމަށް ޑީއެޗްއީ އިން ބުނެއެވެ.