އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން 36 ސިޔާސަތަކާއެކު އެ ޕާޓީގެ މެނިފެސްޓޯ މިއަދު އާއްމުކޮށްފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅުން އެއް ކެންޑިޑޭޓަކާއި ރަނިންމޭޓެއް ކަނޑައަޅާފައިވާއިރު، މިހާރު އެންމެ އިސްކަމެއް ދެނީ، އިދިކޮޅު ކޯލިޝަންގެ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ މެނިފެސްޓޯއެއް އެކުލަވާލައި ރައްޔިތުންނާއ ހަމައަށް ގެނެސްދިނުން ކަމަށެވެ.
ނަޒީރު ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީގެ ފަރާތުން، އިދިކޮޅު ކޯލިޝަނަށް ހުށަހެޅި ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވެފައި ވާނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ ދިވެހީންގެ ދީނާއި ހެޔޮވެރިކަމާއި ފުދުންތެރި ދިރިއުޅުމެކެވެ.
އެގޮތުން ދިވެހީންގެ ދީން ސެގްމެންޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދިނުމަށާއި އިސްލާމްދީނުގެ އަގީދާ ދެމެހެއްޓުމާއި ދީނީ ތައުލީމު ފުޅާކުރުމަށް މަސައްކަތް ކުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ޝަހުސިއްޔަތު ރާއްޖޭގައި ވަރުގަދަ ކުރުން ހިމެނެ އެވެ. އަދި ޒަކާތު ފަންޑެއް ގާއިމް ކުރުމަށާއި ވަގުފް ފަންޑެއް ގާއިމް ކުރުމާއި އިސްލާމީ ތަރަހައިގެ ތެރޭގައި އެންމެހާ ކަންކަން ގާއިމް ކުރުމަށް ބާރު އެޅުން ހިމެނެ އެވެ.
މީގެ އިތުރުން އިސްލާމިކް ރިސާޗް ސެންޓަރެއް ގާއިމް ކުރުމަށާއި މިނިވަން މުސްތަގިއްލު ފިގުހު އެކަޑަމީއެއް ގާއިމް ކުރުންވެސް ހިމެނެ އެވެ.
ހެޔޮވެރިކަމެއްގެ ދަށުން ހިމެނޭ މައިގަނޑު ކަންކަމަކީ، ރައްޔިތުންގެ މިނިވަންކަމާއި އަދުލު އިންސާފު ޤާއިމް ކުރުމާއި މަދަނީ ސިޔާސީ އަދި އިޤްތިޞާދީ ޙައްޤުތައް ހިމާޔަތް ކުރުމާއި ދިވެހި ބަހާއި އާދަކާދަޔާއި އާސާރީތަންތަން ހިމާޔަތް ކުރުމާއި ދިވެހި ބިންތައް ދިވެހީންގެ އެއްޗެއްގެ ގޮތުގައި ދެމިގެންދާނެކަން ކަށަވަރު ކޮށްދިނުމާއި އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމާއި ދީނީ ވިސްނުމުގެ ސަބަބުން މީހާގެ ޖިންސްގެ ތަފާތު ކުރުން ނައްތާލުން ހިމެނެ އެވެ.
މީގެ އިތުރުން މައިމީހާއާ ދަރިފުޅަށް ހެޔޮ ސިއްޙަތަކަށް ބާރު އެޅުމާއި އޭގެ ދަށުން ބަލިވެ އިނީއްސުރެ ކުއްޖާގެ އުމުރުން ދެ އަހަރު ދުވަސް ވަންދެން ދައުލަތުން އެލަވެންސެއް ދިނުމާއި މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެހެން ރަށްރަށަށްވެސް ހަމަހަމަ ކަމާއެކު ފުރިހަމަ ސިއްޙީ ނިޒާމެއް ފޯރުކޮށްދިނުމާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތް ކުރުމާއި ފަރަގު ނައްތާލުމާއި މީޑިއާތަކަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމާއި ޖަލުތަކުުގެ ފެންވަރު ރަނގަޅުކޮށް ގައިދީންނަށް މިހާރަށްވުރެ ރަނގަޅު ހިދުމަތްތަކެއް ދިނުން ހިމެނެ އެވެ.
ފުދުންތެރި ދިރިއުޅުމުގެ ދަށުން އަދާލަތުން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، އިސްލާމިކް ފައިނޭންސް ގާއިމްކޮށް އިސްލާމީ ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ ހެދުމާއި ރަނގަޅު ބޯފެނުގެ ނިޒާމެއް ރަށްރަށުގައި ގާއިމް ކުރުމާއި އެންމެ ދަށް މުސާރައެއް ކަނޑައެޅުމާއި ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު އިތުރަށް ފަހި ކޮށްދިނުން ހިމެނެ އެވެ.
މީގެ އިތުރުން ޓްރާންސް ޝިޕްމެންޓް ބަނދަރެއް ގާއިމް ކުރުމަށާއި އޮންލައިން ވިޔަފާރިތަކަށް ފުރުސަތު ފަހި ކުރުމާއި އިންޓަނެޓްގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާއި މަސައްކަތް ތެރިންގެ ޔޫނިއަނެއް ޤާއިމް ކުރުމާއި އަބުރުވެރިކަމުގެ ދިރިއުޅުމެއް އުޅެވޭނެ ފަދަ މާހައުލެއް ޤާއިމް ކުރުމާއި ދުރުރާސްތާގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުން ހިމެނެ އެވެ.
ނަޒީރު ވިދާޅުވީ، މެނިފެސްޓޯގައި އެއްބަސްވެވޭ ކަންކަމާއި ޚިޔާލު އެއްގޮތް ނުވާ ކަންކަންވެސް އެބަހުރި ކަމަށެވެ. އަދި އެކަންކަން ޙައްލު ކުރާނީ ގުޅިފައިވާ ޕާޓީތައް އެއް މޭޒެއްގެ ދޮށުގައި ތިއްބަވައިގެން ކަމަށްވެސް ނަޒީރު ވިދާޅުވި އެވެ.
އަދި އެހެން ޕާޓީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެންމެން ވެސް އެއްބަސްވާ މެނިފެސްޓޯ އަކާއެކު ވަރަށް އަވަހަށް ކޯލިޝަންގެ ކެމްޕެއިން ރަސްމީކޮށް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.